ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަސް ތަފާތު، ސަޅި ގޮތަކަށް ފިޝަރީޒް މިނިސްޓްރީގައި ފާހަގަކޮށްފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރާކާތްތައް ފިޝަރީޒް މިނިސްޓްރީގައި ފަށާފައިވަނީ، އެ މިނިސްޓްރީގެ ހުރިހާ އަންހެން މުވައްޒަފުން ހެނދުނު އޮފީހަށް އައުމާއެކު އެ ކަނބަލުންނަށް "ސަޕްރައިޒް" ކޮށް ދިން ފިނިފެންމަލުންނެވެ.

ފިނިފެންމަލަކުން އަންހެނުންގެ ދުވަސް ފާހަގަކުރުން ނިންމާލުމުގެ ބަދަލުގައި ކަނބަލުންގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ދީފައިވާއިރު، އެ މިނިސްޓްރީއަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ކަނބަލުންގެ ޕްރޮފައިލް ތައްޔާރުކޮށް އެ މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ވަނީ ޓްވީޓްވެސް ކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓްރީގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކުލަގަދަ ، ތަފާތު ސަޅި ގޮތަކަށް ފިޝަރީޒް މިނިސްޓްރީގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފައިވަނީ، އެ މިނިސްޓްރީގެ ފިރިހެން މުވައްޒަފުންނާއި މިނިސްޓަރ ޝައިނީވެސް އަމަލީގޮތުން ބައިވެރިވެވަޑައިގެންކަން ފާހަގަކޮށްލެވެއެވެ.

ފިޝަރީޒް މިނިސްޓްރީގައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަނީ - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 8 މާރިޗު 2018 ވީ ބުރާސްފަތި ދުވަހު ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފައިވާއިރު ދިވެހިރާއްޖޭގެ މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ އެކި އެކި އޮފީސްތަކުގެ އިތުރުން ސްކޫލްތަކާއި ކުންފުނިތަކުގައިވެސް މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.