ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

މަޑުއްވަރީގައި މަސްތުވާތަކެތި ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 53 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، އިއްޔެ މެންދުރު 12:56 ހާއިރު ހިންގި މި އޮޕަރޭޝަނެއްގައި، މަގުމަތިން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ފައިނު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު