ދިވެހިންގެ މެދުގައި މަގުބޫލު ކޮފީ ޝޮޕެއްކަމުގައިވާ މެރާކީ ކޮފީ ރޯސްޓާސް މިއަދު ބަންދުކޮށްފިއެވެ.

މެރާކީ ކޮފީ ބަންދު ކުރަން ނިންމީ އެތަނަށާއި، އެތަނުގެ ކަސްޓަމަރުންނަށް އަދި އެތަނުގެ ސްޓާފުންނަށް ގުރޫޕަކުން އިންޒާރު ދެމުން އަންނަ ކަމަށް ބުނެއެވެ.

މާލޭގައި ހިންގަމުން އަންނަ މެރާކީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ގުރޫޕަކުން ދެމުން ގެންދާ އެ އިންޒާރާއެކު އެތަން ބަންދު ކުރަން ނިންމާތީ ކަސްޓަމަރުންގެ އަރިހުން މައާފަށް އެދޭ ކަމަށެވެ.

މެރާކީ ކޮފީ ރޯސްޓާސް މިއަދު ހެނދުނުވެސް ހުޅުވިއެވެ. އަދި މެރާކީ ކޮފީ ރޯސްޓާސް އިން ކަސްޓަމަރުން ހިދުމަތްވެސް ހޯދިއެވެ. މިކަމާއި ގުޅިގެން މެރާކީ ކޮފީ ރޯސްޓާސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

އަދި އެކަން ފުލުހުންނަށް ހުށަހެޅިކަންވެސް ޔަގީން ނުވާއިރު، ފުލުހުންގެ ބަހެއްވެސް މިކަމާއި ގުޅިގެން ލިބިފައެއް ނުވެއެވެ.

ހުސްނުހީނާ މަގުގައި ހުޅުވާފައިވާ މެރާކީ ކޮފީ ރޯސްޓާސް އަކީ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު ކޮފީ ޝޮޕެއްކަން ފާހަގަކޮށްލެވެއެވެ. މެރާކީ ކޮފީ ރޯސްޓާސް ބަންދު ކުރަން ނިންމާފައި ވާތީ އެތައް ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީގެ މަލީ

    މިކަން ބޮޑަށް ހީވަނީ އެޑް ސްޓަންޓްއެއް ހެން....

    • ނޫނެކޭ

      ކުށް ހީއެއް