ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ރައީސް މައުމޫންގެ ދަނބިދަރިކަލުން އަހުމަދު ނަދީމް ދޫކޮށްލުމަށް ހައިކޯޓާއި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ތިން ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އާއި ފާރިސް އަދި ނަދީމް ވަގުތުން ދޫކޮށްލުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓާއި ހައިކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އަދި ރައީސް މައުމޫން ގެއަށް ބަދަލުކޮށްދިނުމަށް ކަރެކްޝަނަލް ސާވިސްގެ ކިބައިން އެދިފައިވާނެ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. މީގެއިތުރުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ފާރިސް ޖަލަށްލާފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރި ކަމަށްބުނާ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ މައްސަލައިގައި ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށްވާއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނަދީމް ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އެމީހެއްގެ މައްޗަށް ތަންފީޒު ކުރަންޖެހޭ ޤާނޫނީ ޙުކުމެއް އޮތް މީހަކު ދޫކޮށްލުމުގެ ކޯޓްއަމުރަކަށް އެދެވިދާނެތޯ ސުވާލުއުފެދެއެވެ. މިއީ، އެބޭފުޅުން މިނިވަން ކުރެއްވުމަށް އިންކާރު ކުރުމުގެ މާނާގައި ބުނާ އެއްޗެއްނޫނެވެ. އަދަބު ލުއިކުރެއްވުމާއި ކުށްޢަފޫ ކުރެއްވުމަށް ހަމަޖެހިފައި އޮންނަ އުޞޫލުން ތިޔަކަމަކީ، ނުކުރެވޭނެ ކަމެއްނޫނެވެ. އިބޫ ސިޔާސީ މީހުން ޖަލުން ނެރެދެއްވާނެއެވެ.

  2. Anonymous

    ތިޔަ ބުނުއްވާ 3 ބޭފުޅުން އެކަނި ދޫކޮއްލީމާ ނިމުނީތޯ... ކޮބައިތޯ ބާކީ މީހުން..