ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ބަންދުގެ އަމުރު ރިވިއުކުރަން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުކަން ކުރައްވާ ނާޒިމް ސައްތާރު ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ކަށަވަރުކޮށްދެއްވާފައެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ އެ ޝަރީއަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަމުރުކޮށްފައެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ މުޒާހަރާގެ ބައިވެރިންނަށް މާސްކު ބެހި މައްސަލައިގައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކަކާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހާފައެވެ.