ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނަދީމް މިއަދު ހަވީރު 5:00 އަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރާނެއެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ކަމަށްވާއިރު އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނަދީމް ބަންދުގައި ބެހެއްޓުމަށް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

އޭނާ ދޫކޮށްލުމަށް އެދި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ މިއަދުއެވެ.

ނަދީމްގެ އިތުރުން ޖަލުގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަގުތުން ދޫކޮށްލުމުގެ އަމުރުކަށް އެދި އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.