ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަދިވެސް ނުބާއްވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހައި ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ކަމަށެވެ.

ރައީސް މައުމޫން ބަންދުން ދޫކުރުމަށް އެމަނިކުފާނުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ރޭގެ ވަގުތެެއްގައި ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް ރައީސް މައުމޫން އަކީ އެކޯޓުން ޙުކުމެއް އިއްވާފައިވާ ބޭފުޅަކަށް ވާތީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ނުގެންދަން ވަނީ ނިންމާފައެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސް މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. މީގެއިތުރުން ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ރައީސް މައުމޫންގެ އިތުރުން ޖަލަށް ލާފައިވާ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ރޭ ކޯޓަށް ހާޒިރުކުރި ނަމަވެސް ފަހުން ވަނީ އަލުން އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އިންތިޚާބީ ރައީސްގެ މައްޗަށް އިތުބާރު ކުރައްވާށެވެ. ތިޔަކަން ކުރެއްވޭނީ، އެމަނިކުފާނަށެވެ. އިބޫ އޮތީ ތިޔަކަމަށް ވަޢުދުވެފައެވެ. ކުރިމަރައި ނުލާށެވެ. މާތްﷲގެ ދަރުމަވަންތަކަމުން މައުމޫނު ޖަލުން ނެރެދެއްވާ މިނިވަންކޮށް ދެއްވާނެތެވެ. ކޯޓުގެ ދައުރެއް ނެތްކަމެއްގައި ކޯޓުގެ ދައުރެއް އޮތްކަމަށް ތިޔަބަލަނީ، ކީއްވެގެންތޯއެވެ. ކުށްމަޢާފުކުރެއްވުމާއި އަދަބު ލުއިކުރުމުގެ ކަންތައްތައް މިރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންދާ ގޮތުގެމައްޗަށް ބަލާށެވެ.

  2. ހސ

    ޔާމީނޫ... ކަލޭތީ ހާދަ ރަހްމެއް ނެތްމީހެކޭ ދޯ.. ކަލޭގެ ތުއްތޮންބެއަށް އެހެން ހަދަން ހެޔޮވެސް ނުވާނެއެއްނު..........އެ ފަކީރު މާޒީގަ މީހުނަށް ގޮތްހަދާފަވިޔަސް