މީގެ ދެދުވަސް ކުރިން ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) އަށް ޗައިނާ ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން އިބޫއަށް މަރުޙަބާ ދެންނެވީ، އެޤައުމުގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގްއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝުއަންގް ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަސް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، އެ ގުޅުން، އިބޫގެ ވެރިކަމުގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޗައިނާއިން އުންމީދުކުރައްވާ ކަމަށެވެ. އެގޮތުން ކުރިއަށްއޮތްތަނުގައި ވެސް ރާއްޖެއާއި އެކު ގިނަ މަސައްކަތްތަކެއް ހިންގޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ގުޅުން ބަދަހިވެގެން ގޮސްފައިވާއިރު، ޗައިނާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ހުޅުލެ އާއި މާލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭގެ އިތުރުން ހިޔާ މަޝްރޫޢުގެ ދަށުން ހަތްހާސް ހައުސިންގ ޔުނިޓު ޤާއިމްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.

ޗައިނާ ސަރުކާރުން އިބޫއަށް މަރުޙަބާ ދަންނަވާފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިބޫ ކުރި ހޯއްދެވީ 58 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ޗައިނާގެ އިތުރުން އިނޑިއާއިން ވެސް ވަނީ މި ކާމިޔާބީއަށްޓަކައި އިބޫއަސް މަރުޙަބާ ކިޔާފައެވެ.