ރަައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކުނޫޒްގައި ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތަތަކެއް އިދިކޮޅު ފަރާތްތަކުން އަދި ހާންމަކޮއްފައި ނުވާއިރު މިއީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާ އިބޫ ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ޖަލުން މިނިވަންވެފައިވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު އަދި އިއްޔެ ގޭ ބަންދުން މިނިވަންވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވެސް ބައިވެރިވެވަޑައިގަތެވެ.

އިދިކޮޅު މަޖިލިސް މެންބަރުނާއި އިބޫ ބައްދަލުކޮއްފައިބާއިރު އިބޫ ވަނީ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އިބޫ ވަނީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއްގައި ވެސް ބައިވެރިވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.

އާދިއްތަ ދުވަހު ބޭއްވި އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު އިއްތިހާދުން މި ރިޔާސީ ރޭހަށް ނެރުނު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު އަށް ވަނީ 134،616 ވޯޓް ލިބިވަޑައިގެންފައި. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓު. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން.

މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ކުރި ލިބުމާއި ގުޅިގެން ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވިދާޅުވީ ދިވެހި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ހުންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔިތުން

    ޑިމޮކްރަސީގެ އަސާސް އަކީ މަޝްވަރާ ކޮށްގެން ކަންކަން ނިންމުން. ކީރިތި ޤުރްއާނުން މިކަމަށް އިރުޝާދު ލިބެނީ.

  2. ޒާ

    އެއީ އިދިކޮޅު މެންބަރުންތޯ ނުވަތަ ކޯލިޝަނަށްގެ ވާގިވެރިންތޯ ސާފުކޮށްދީބަލަ.

  3. ެއެހެންތެ

    ސަލާމަތީ ބާރުތަކުން އަޅާކަހަލަ ޔުނީފޯރމް އަޅައިގެން ފާރުމަތިން އެރީ މަސްވަރާކުރަންތަ؟ މާ ދީންވެރިނުވޭ. ކޮންމެ ގެެެއެއްގަވެސް ޤުރްއާންތަރުޖަމާ އޮވޭ.