ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާއާބެހޭ މަޢުލޫމާތު ތަނަވަސްކުރުމުގެ ބޭނުމުގައި، އެޓަރނީ ޖެނެރަލްގެ އޮފީހުން "ލޯ ޖަރނަލް" އެއް ޢާއްމުންނަށް ހުޅުވާލައިގެން ޝާއިޢުކުރުމަށް ނިންމާފައިވާ ޖަރނަލް އަށް ލިޔުންތައް ހުށަހެޅުމުގެ ފުރުސަތު އެޓާނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި ޖަރނަލް ނެރުމުގެ މަޤްޞަދަކީ، މި ޖަރނަލް މެދުވެރިކޮށް، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި ދިރާސާކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމެވެ. އަދި، މި ޖަރނަލްގެ އަމާޒަކީ ޤާނޫނީ ދާއިރާއިން ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، ތަޢުލީމު އުނގެނޭ ދަރިވަރުންނަށް ޤާނޫނީ ލިޔެކިއުންތައް ލިބޭނެ ވަޞީލަތެއް ޤާއިމުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި އިޚްތިލާފު އުފެދިފައިވާ ކަންކަމުގައި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލައި، މި ދާއިރާއާ ގުޅޭ ބިނާކުރަނިވި ޤާނޫނީ ލިޔުންތައް އުފެއްދުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.

މި ޖަރނަލް ޝާޢިއުކުރުމަށް ގަސްތުކޮށްފައިވަނީ އަހަރަކު ހަތަރު އިސްދާރު ހިމެނޭގޮތުން ކޮންމެ ތިން މަހަކުންނެވެ. އަދި، މި ޖަރނަލްގައި ދިވެހި އަދި އިނގިރޭސި ބަހުގެ ލިޔުންތައް ހިމެނޭނެއެވެ. މި ޖަރނަލްގައި ލިޔުންތައް ޝާއިޢުކުރެވޭނީ އެ ލިޔުމެއްގެ މުޞައްނިފުގެ ނަމާއި މަޢުލޫމާތު ހިމެނޭގޮތަށެވެ.

މި ޖަރނަލްއަށް ހުށަހަޅާ ކަރުދާސްތަކުގެ ތެރޭގައި އެ އިސްދާރަކަށް ޙާއްސަކޮށްފައިވާ މައުޟޫއާ ގުޅޭ ތާރީޚީ ދިރާސާތަކާއި، ދިވެހިރާއްޖެ ޤަނޫނީ ނިޒާމު ހިމެނޭ ގޮތުން ހަދާފައިވާ ކޮމްޕެރެޓިވް ރިސަރޗްއާއި، އެ ދާއިރާއަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކުގައި ތަޠުބީޤުކުރައްވާފައިވާ ފާހަގަކޮށްލެވޭ ޤާނޫނީ އުޞޫލުތަކާއި (Judicial Precedent) އެ މައުޟޫއަކާ ގުޅޭގޮތުން ޤާނޫނީ ނިޒާމުގައި ހުރި ނުވަތަ ދިމާވެދާނެކަމަށް ފެންނަ މައްސަލަ ނުވަތަ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ހިމެނިދާނެއެވެ.

މި ޖަރނަލްގެ ފުރަތަމަ އިސްދާރު ޚާއްޞަކޮށްފައިވަނީ "ކޮމަރޝަލް ލޯ" ގެ ދާއިރާއަށެވެ.

މި ޖަރނަލްއަށް ހުށަހަޅާ ކަރުދާސްތަކަކީ މި ޖަރނަލްގައި ހިމަނަން އެންމެ އެކަށޭނަ ލިޔުމެއްތޯ ބަލައި، ޖަރނަލްގައި ހިމަނާނެ ލިޔުމެއްކަން ކަނޑައަޅާނީ މި ޖަރނަލްގެ އެޑިޓޯރިއަލް ޓީމުންނެވެ. އަދި، މި ޖަރނަލްގައި ހިމެނުމަށް ހުށަހަޅާ ލިޔުންތައް އެޑިޓޯރިއަލް ޓީމުން ބަލައި، އެ ލިޔުންތައް މުރާޖަޢާކުރުމަށްފަހު އަލުން ހުށަހެޅުމަށް މުސައްނިފަށް އެންގުމުގެ އިޚްތިޔާރު އެޑިޓޯރިއަލް ޓީމަށް ލިބިގެންވެއެވެ.

ލިޔުންތައް އޮކްޓޯބަރ މަހުގެ 14 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

ލިޔުންތައް ހުށަހަޅަން ޖެހޭނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ޔުނިވަރސިޓީއެއްގައި 45 މިނިޓުގެ ޕީރިއެޑެއްގައި -/350 ރުފިޔާލިބެއެވެ. އެއީ އެއްވެސް ދިރާސާއެއް ނެތި، އެތަނުގައި ހުރެގެން ހެއްވާ މަޖާވާހަކަ ދެއްކުމުންވެސް ލިބެން އޮންނަ އެއްޗެކެވެ. އެހެންނަމަވެސް، ޕަބްލިކަށް ނެރޭ ލިޔުމެއްގައި ހެއްވާ މަޖާވާހަކަ ނުލިޔެވޭނެއެވެ.

  2. ކިންގްފިޝަރ

    ރާއްޖޭގެ ސަރަޙައްދުގެ ބޭނުން ހިފައިގެން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި ރާއްޖެއަށް ބައެއްނެތި އިންޑިއާ އަދި ލަންކާއިން އެކުލަވާލާފައިވާ ސެކިއުރިޓީ ފާމް އާދެތެރޭގައި ސަރުކާރުން ވިސްނަންޖެހޭ. މާލީ މަންފާއެއް ރާއްޖޭގެ ސަރަޙައްދުން އެހެން ބަޔަކަށް ލިބުމުގެ ބަދަލުގައި ރާއްޖެއިން އެކަމަށް ނިކުމެ އަމިއްލަ މަންފާތަކެއް ހޯދުމަކީ އެންމެ އެދެވޭގޮތް.