ބައެއް އޮފީސްތަކުން ސަރުކާރުގެ ލިޔެކިޔުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑު ފެތުރުފައި ވަނިކޮށް ދައުލަތުގެ އެއްވެސް ލިޔެ ކިޔުމެއް ނައްތާލަން ހުށައަޅާފައި ނުވާ ކަމަށް ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުން ބުނެފިއެވެ.

މިއަދު ނޭޝަނަލް މިއުޒިއަމް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ޝާތިރު ވިދާޅުވީ ދިވެހި ރާއްޖޭގެ ގަައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން މެނުވީ ދިވެހި ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ނައްތާނުލެވޭނެ ކަމަަށެވެ.

" ދިވެހި ދައުލަތުގެ ރަސްމީ ލިޔުންތަކާއި ރިކޯޑްތަކާއި ޗާޓްތަކާއި މައުލޫމާތު ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ މަތިން އެ ތަކެތި ބެލެހެޓުމަކީ އެތަކެތި ބެލެހެޓުމާއި ހަވާލުވެފައިވާ ކޮންމެ މީހެއްގެ ވާޖިބެއް. އެހެން ކަމުން ރާއްޖޭގެ ގަައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން މެނުވީ ދިވެހި ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ނައްތާނުލެވޭނެ ކަމަށް މި ގާނޫނުގައި ވަނީ ބުނެފަ " ޝާތިރު ވިދާޅިވިއެވެ

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ އެއްވެސް ލިޔެކިޔުމެއް ނައްތާލެވޭނީ ދިވެހި ގައުމީ އަރުޝީފަށް އެނގިގެން ކަމަށާއި ގައުމީ އަރުޝީފުގެ ޑިރެކްޓާ ޖެނަރަލް އަށް އެނގިގެން މެނުވީ އެއްވެސް ލިޔެކިޔުމެއް ނައްތާ ނުލެވޭނެ ކަމަށެވެ.

" ރައީސް އޮފީސްވެސް , ރައްޔިތުންގެ މަޖިލިސް ވެސް , ހުރިހާ މިނިސްޓްރީ ތަށް ވެސް , ޖުޑީޝަރީ ފިޔަވައި ދައުލަތުގެ ހުރިހާ ކުންފުނިތަކުން ވެސް ލިޔެކިޔުމެއް ނައްތާލެވޭނީ އަޅުގަނޑުމެންނަށް އެނގިގެން މި ގާނޫނުގެ ދަށުން " ޝާތިރު ވިދާޅުވިއެވެ.

ޝާތިރު ވިދާޅުވީ ދައުލަތުގެ ލިޔެ ކިޔުންތަކެއް ނައްތާލާކަމުގެ ޝަކުވާ އެއް އެއްވެސް މުއައްސަސާއަކުން ވެސް އަދި އާންމު ރައްޔިތަކުވެސް ސިޓީ އަކުން ނަމަވެސް ހުށައަޅާފައި ނުވާ ކަމަށެވެ.

" ދައުލަތުގެ ލިޔެކުން ނައްތާލަނީ ގައުމީ އަރުޝީފަށް އެނގިގެންތޯ ވެސް ނެތް ސިޓީ އަކުން އަޅުގަނޑުމެންނަށް ހުށައަޅާފައި. އަޅުގަނޑުމެންނަކީ އަމިއްލަ ނަމުގެ ދައުވާ ކުރެވޭނެ ބައެއް ނަމަވެސް މި މައްސަލަ އަޅުގަނޑުމެންނަަށް އަމިއްލަ އަށް އިސްނަގައިގެން ބެލެވޭނީ ވެސް ސްޕްރީމު ކޯޓުން ދާދި ފަހުން ކަނޑައެޅި ގަވާއިދުގެ ދަށުން " ޝާތިރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ)، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއި ގުޅިގެން، ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން ބުނެފައިވަނީ ސަރުކާރުގެ އެއްވެސް މުވައްސަސާއެއްގައި ހުރި މުޙިންމު އެއްވެސް ލިޔެކިޔުމެއް ނައްތައިނުލާނެ ކަމަށެވެ. އަދި ކުނީގެ ގޮތުގައި ބޭނުން ނެތިގެން ކަރުދާސް ނައްތާލުމަށް ޕޭޕަރ ޝްރެޑާ އަބަދުވެސް ސަރުކާރުގެ އޮފީސްތަކުގައި ހުންނަ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ލިޔެކިޔުންތަކާއި ތާރީހީ ފަތްފުތްތަކުގެ ގޮތުގައި ހިމެނޭ އެންމެހާ ތަކެއްޗެއް އެއްތަނަކުން ފެންނަން ހުންނާނެހެން އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ރާއްޖޭގެ ގައުމީ އަރުޝީފުގެ ނަމުގައި އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާގޫތު

    އެމްޑީޕީ މިފަހަރު ވެރިކަން ކުރައްވާނީ ކިތައްއަހަރަށްތޯ

  2. ރައްޔިތުން

    ގައުމީ އަރުޝީފަށް ނޭގި އެއްވެސް މުއައްސަސާއަކުން އެއްވެސް ލިޔެކިއުމެއް އަންދާނަމަ އެކަން އެގޮތަށް ވިޔަ ނުދިނުމަށް އަރުޝީފުން މަސައްކަތް ކުރަންޖެހޭނެ.