ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕްރައިވެޓް ސެކިއުރިޓީ އޮފިސަރެއް ކަމަށްވާ މުހައްމަދު އަޒްމީ އަދި މައުމޫނު އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމް މިނިވަންކޮށްފިއެވެ.

އެއްވެސް ޝަރުތަކާއި ނުލައި މި ދެމީހުން މިނިވަން ކޮށްފައިވަނީ، ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު ދާދި ދެންމެއަކުއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އެ އަޑުއެހުމުގައި ނަޖުމާ އާއި އަޒްމީ ދޫކޮށްލުމަށް އަމުރުކުރީ، އެދެމީހުންގެ ތުހުމަތު ކުރެވޭ ޢަމަލަކީ ޖިނާއީ ބޮޑު ކުށަކަށް ނުވެފައި އެމީހުން ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައި ވުމުންނެވެ.

މިއަދުގެ އަޑުއެހުމުގައި އަޒްމީގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލް ވިދާޅުވީ، އަޒްމީ މިނިވަން ކުރި ނަމަވެސް، ސަލާމަތަށް ނުރައްކަލެއް ނުވާނެ ކަމަށާއި ހެއްކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި ނަޖުމާގެ ވަކީލު ވިދާޅުވީ، ހަތް މަހަށްވުރެ ގިނަ ދުވަސް ވަންދެން އޭނާ ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން، ދަރިންގެ ހައްޤުތައް ބެލެހެއްޓެމުންވެސް ނުދާކަމުގައެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ނަޖުމާ އާއި އަޒްމީ ހައްޔަރުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިން ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައެވެ. އެ މައްސަލައާ ގުޅޭ މުހިންމު ހެކިތަކެއް ހުރި ކަޅު ފޮއްޓެއް ނަޖުމާގެ ގެއިން ފެނުނު ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް މި ދެމީހުންގެ ފަރާތުން ވެސް ނުފެންނަ ކަމަށް ފުލުހުން ސިޓީއަކުން ޕީޖީގައި ވިދާޅުވެފައިވާތީ އެދެމީހުން ބަންދުން މިނިވަން ކުރުމަށް އިއުތިރާޒެއް ނެތްކަމުގައެވެ.

މިއަދުގެ އަޑުއެހުން ކުރިއަށްގެންދެވި ގާޒީ ދެފަރާތުގެ ބަސްވެސް އަޑު އެއްސެވުމަށްފަހު ވިދާޅުވީ، ބަންދުކުރެވިފައިވާ އަޒްމީ އާއި ނަޖުމާ އެއްވެސް ޝަރުތަކާއި ނުލާ ދޫކޮށްލާ ކަމަށެވެ. ގާޒީ ވަނީ އެދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުގެ ކުށް ސާބިތުވެއްޖެ ނަމަވެސް އަންނާނެ ޙުކުމުގެ ދެބައިކުޅަ އެއްބައި މިހާރު ތަންފީޒުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ، ޝަރުތެއް ނެތްނަމަވެސް ކޯޓަށް އެއްބާރުލުންދީ ކޯޓަށް ހާޒިރުވެ ޝަރީއަތުގެ މަރުޙަލާތަކުގެ ތެރެއިން ތުހުމަތުން ބަރީޢަވުމަށް މަސައްކަތްކުރުމަށް ނަޖުމާ އާއި އޒްމީއަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރަށް ދާނަމަވެސް، ކޯޓުގެ ރަސްމީ ހުއްދަ އާއި އެކު ދިއުމަށް ވަނީ އަންގާފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ނަޖުމާ އާއި އަޒްމީ ދޫކޮށްލާފައިވާއިރު، މި ދެމީހުންގެ އަޒްމީ ހައްޔަރުކޮށްފައި ހުރީ ޖަލުގައެވެ. އަދި ނަޖުމާ ހުރީ ގޭބަނދުގައެވެ. މި މައްސަލާގައި 2018 އެޕްރީލް 18 ވަނަ ދުވަހު ނަޖުމާ އަދި އަޒްމީގެ މައްޗަށް ދަޢުލަތުން ވަނީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާދަ ހެއްވައޭ

    ހުރިހާ ކުއްވެރިންތައް ދޫކޮށްފަ ޖަލުވެސް ތަޅާލާ. އިންސާފުގެ ސީޒަން ފެށިއްޖެ.

  2. ޖަލު

    ޖަލުތަޅާލާފަ ޖެހެނީ ބޮޑުކުރަން، ވައްދަންއޮތްމީހުން ގިނަކަމުން..ހާދަހެއްވަޔޭ..

  3. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    އަންހެނުނަށް ދެރަދިނުމަކީ، ވަރަށް ނާތަހުޒީބު ވިޔާނުދާ ގޯސްކަމެކެވެ.