ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާާނޫނީ ޒިންމާއެއް ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވީ ދެންމެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް އަދި އިންތިޚާބުގެ ވަގުތީ ނަތީޖާގެ ފަހުން ވެސް ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއި އެކު ހަރަކާތްތެރިވަމުން ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ފަހު ޓްރާންސިޝަން އޮމާން ކަމާއި އެކު ކުރިއަށް ގެންދިއުމުގައި ވެސް ސިފައިން އެހީތެރިވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއި އެކު ތިއްބަވާނެ ކަމަށެވެ.

ޤާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ޤާާނޫނީ ޒިންމާއެއް ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެފައި މިވަނީ 23 ސެޕްޓެމްބަރ ގައި ބޭއްވި އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށް އެނިންމުން ސިފައިން ދަމަހައްޓާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިތާ އިރުކޮޅެއް ފަހުންނެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވީ އިންތިހާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށް ދިނުމަށް ޕީޕީއެމުން އެދިފައިވާ ކަމަށެވެ. އެކަމާ މެދު މާދަމާ ބާއްވާ އެކޮމިޝަންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވި ކަމަށް ރައީސް ޔާމީން ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ޕީޕީއެމުން އިންތިޚާބާ ގުޅޭ މައްސަލަތަކެއް ފާހަގަ ކޮށް އިންތިޚާބު ބާތިލު ކޮށްދޭން ހައި ކޯޓަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ހައިކޯޓުން މިރޭ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޯޓަށް ހުށަނާޅާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖެހޭނެއޭ

    މިފަހަރު ރިޔާސީ އިންތިޚާބުގައި އައިޑީ ކާރޑް ގަނެގެން އެމްޑީޕީން އުޅުނު ކަން އެއީ އިންތިޚާބުގެ ކުރިން ވެސް ފަޅާ އަރާފައި އޮތް ކަމެއް އެކަން ފުލުހުން ރަނގަޅަށް ނުބަލާއިރު ޕީޕީއެމް އިން ކީއްވެތޭ އެކަން އިލެކްޝަންސް ކަމިޝަންގެ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަނޭޅީ އެކަން ޖެހޭނެއޭ ހުށައަޅަން އެކަން ހުށަނާޅާ ރިޔާސީ އިންތިޚާބުގެ ވޯޓާއި ދިމާ ކުރުން އެއީ މީގައި ފުރަތަމަ ވެސް ގޯސްވި ކަމަކީ. މީ ސީރިއަސް ކޮށް ބަލަން ޖެހޭނެ ކަމެކޭ.

  2. ގ

    ޑިފެންސުން އިޢުލާންކުރުމުގެ ކުރިން ކީއްވެބާ ފައިނު އާދަނަށް މިކަން އިޢުލާންކުރަން ނުކެރުނީ. ކޮންޓްރޯލް ގެއްލުނީކަން ނޭނގެ.

  3. ޤާނޫނީ ޒިއްމާ އަދާކުރިކަން ވޯޓުން އެބަފެނޭ

    ލާރިއާ ފަހުން ލިބެން އޮތް މޮޅަކަށް ވޯޓްތި ފުލުހުންނާ ސިފައިން ވއްކާލީނު. ޢައްދާރުން

  4. މަރި

    38 ހާސް ވޯޓަކީ ބޮޑުތަފާތެއް ، ޕީޕީއެމްގެ މިންބަރެއްގެ ހައިސިއްޔަތުން ނިހާނަށް ގޮވާލަން ޕޕ އެމްގެ މުސްތަގްބަލް ހަލާކުކޮށް އަގުވައްޓާލަން މަސައްކަތް ނުކުރުމަށް

  5. ރައްޔިތުން

    އެއްވެސް އިރެއްގައި ޣައިރު ގާނޫނީ ޢަމުރުތަކަށް ތަބާވާކަން ނުޖެހޭ އަދި ޣައިރުގާނޫނީ ނިންމުމަކުން ޝަރީޢަތެއް ނިންމާ ކޯޓުން ނުހައްގުން ހުކުމެއް ކުރިއަސް އެއްވެސް މީހަކަށް އަދަބުދެވިގެންވެސް ނުވާނެ. ނުހައްގުން އަދަބުގައި ތިބި އެންމެން ދޫކުރުމަށް ގޮވާލަން.