މިދިޔަ އޮގަސްޓް މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި އޮގަސްޓް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 89 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އޮގަސްޓު މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 46 އިންސައްތައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. މި ގޮތުން މި ބާވަތުގެ 26 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 20 މައްސަލަ، އިހުމާލުވުމުގެ 18 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 8 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރު ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 2 މައްސަލައެވެ.

މީގެއިތުރުން ޢާއިލީ 29 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 21 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 8 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރި ހިންގުމުގެ 3 މައްސަލައާއި ވައްކަންކުރުމުގެ 1 މައްސަލަ އަދި ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނެއެވެ. ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 13 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 6 މައްސަލަ، ގަނާކުރުމާއި ފުރައްސާރަކުރުމުގެ 3 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 1 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 4 މައްސަލަ، ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 3 މައްސަލަ، އިހުމާލުވުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 2 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ، މާލީ އަދި އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނެއެވެ.

އަދި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޖެންޑާއަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 3 މައްސަލައެވެ.

މީގެ އިތުރުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ހަ މައްސަލަ ވެސް ހުށަހަޅާފައިވެ އެވެ.