ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މަޢުމޫންގެ މައްޗަށް އިއްވާފައިވާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު މިއަދު ގޮތެއް ނިންމަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

ސަރުކާރާ އިދިކޮޅު ޕާޓީތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރި މައްސަލައިގައި ޝަހުސު އޮޅުވާލުމުގެ ކުށް ސާބިތުވާކަމަށް ނިންމައި 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި މައްސަލައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު މިއަދު ގޮތެއް ނިންމަވަން ހައިކޯޓުން ނިންމަވާފައިވަނީ، މި މައްސައިގެ ހުކުމް އިސްތިއުނާފުކޮށް ފާރިސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައެވެ. އެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފަ އެވެ.

މިއަދު ބޭއްވި މި މައްސަލައިގެ އިސްތިއުނާފު ފުރަތަމަ އަޑުއެހުންކަމުން ފާރިސްގެ ވަކީލުން ވަނީ އިސްތިއުނާފީ ނުކުތާތަށް ހުށަހަޅާފައެވެ. އެގޮތުން ފާރިސް އާމެދު ތަފާތުކޮށް، ޕީޕީއެމްގެ ދިދަ ބޭނުންކުރި އެހެން މީހުނާ ހިލާފަށް ހަމައެކަނި ފާރިސް އާމެދު ދައުފާ އުފުލާފައިވުމާއި، މައްސަލައިގެ ތަހްޤީގު ހިންގާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އަދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާފައިވަނީ އިޖުރާއަތުތަކާ ޚިލާފަށްކަން ފާހަގަ ކުރެއްވިއެވެ،

މީގެ އިތުރުން ދިފާއުގައި ގިނަ އަދަދެއްގެ ހެކިން ހުށަހެޅުމުންވެސް ހާޒިރުކޮށްދިނީ އެންމެ ހަ ހެކިވެރިން ކަމަށާއި، ހުކުމް އިއްވުމުގައި ފާރިސްގެ ފަރާތުން ހުށަހެޅީ އެއްވެސް ކިތާބީ ހެއްކަކަށް ރިއާޔަތް ކޮށްފައި ނުވާކަމާއި، ދައުލަތުގެ ހެކިންގެ ހެކިބަސް ސިއްރުން ނަގާފައިވަނީ ޤާނޫނާއި، އިސްލާމީ ޝަރީއަތާވެސް ޚިލާފަށްކަމަށް ފާރިސްގެ ފަރާތުން ހައިކޯޓުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު ސިއްރު ހެކިންގެ ބަޔާންތައް ދިފާއަށް ދީފައި ނުވުމާއި، ދޮގު ހެކި ދިނުމުގެ މައްސަލަވެސް ފާރިސްގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މި ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ މަނާ ކަމެއް ކޮށްގެން ނޫން ކަމަށާއި، އެދުވަހު ފާރިސް ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކުރީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރެގެން ކަމަށާއި، އަދި ޕީޕީއެމްގެ ދިދައާއި ލޯގޯ ފާރިސް ބޭނުންކުރީ ޕީޕީއެމްގެ ރައީސްގެ ހުއްދައާ އެކުކަމަށް ފާރިސްގެ ވަކީލް ޝަމީލް މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

ފަނޑިޔާރު ފައިސަލްގެ އިތުރުން މިއަދު މައްސަލަ ބެއްލެވި ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން އާއި ފަނޑިޔާރު ހަސަން އަލީ އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ފައިސަލް ވިދާޅުވީ، މި މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވާތީ މި ހަފްތާގެ ތެރޭގައި އިތުރު އަޑު އެހުމެއް ބާއްވައި، މި ހަފްތާގެ ތެރޭގައި މައްސަލައިގައި ހުކުމްވެސް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަނދަވަޅު

    މައުމޫނުގެ ކިބައިން ޕީޕީއެމްގެ ރައީސްކަންވެސް ފޭރިގަތީ ޝަޚުސް އޮލުވާލައިގެން.. މި މައްސަލަވެސް އެބަޖެހޭ ބަލަން..