ސަރުކާރު ބަދަލުވި ނަމަވެސް، މި މަރުޚަލާގައި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ފެނަކަ ކޯޕަރޭޝަނުން ދިވެހި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާ ފުރިހައަށް ދެމުން ގެންދާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ، ހުރިހާ ރައްޔިތުންނަށްވެސް އެންމެ ރަނގަޅަށް ޚިދުމަތުގެ މީރުކަން ލިބޭނެ ގޮތަކަށް ކުންފުނީގެ މަސައްކަތްތައް ރާވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ކުންފުނިން ދެމުންގެންދާ ޚިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި ކުރާ މަސައްކަތުގައި އެންމެހާ މުވައްޒަފުން ވަރަށް ސާބިތުކަމާއެކު ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވެސް އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން. މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދާ ޕްރޮޖެކްޓްތަކާއި، އަދި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަރަންޓާއި، ނަރުދަމާ އަދި ފެނުގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދެވެން އޮތް އެންމެ ފުރިހަމަ ގޮތެއްގައި ކުރިންވެސް ދެމުން އައިގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްދާނެކަން ފާހަގަކޮށްލަން" ލައްމާން ވިދާޅުވިއެވެ.

ލައްމާން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ޔަޤީން ކޮށްދެއްވައި، ފެނާއި، ނަރުދަމާގެ އެތައް މަސައްކަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކަމަށާއި، ފެނަކައިން ދެމުންދާ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިވަރުގެ ޚަރަދެއް ނުވަތަ މަސައްކަތެއް ކުރި ސަރުކާރެއް ނޯންނާނެ ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީނަށް ލައްމާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒް ވިދާޅުވީ، ރައްޔިތުންނަށް ކުންފުނިން ދެމުންދާ ޚިދުމަތްތައް ނުހުއްޓި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި ކުންފުނީގެ ޗީފް ޕްރޮޖެކްޓް އޮފިސަރ ޝަހުމީދު ޢަބްދުﷲ ވިދާޅުވީ، ފާއިތުވި ފަސް އަހަރަކީ ކުންފުނި ވަރަށް ބޮޑުތަން ކުރިއަރާފައިވާ އަހަރުތަކެއް ކަމަށާއި، އެ ކުންފުނިން މިހާރުވެސް ކުރިއަށްގެންދާ 20 އަށްވުރެ ގިނަ ޕްރޮޖެކްޓް އެބަހުރި ކަމަށާއި، އެ ޕްރޮޖެކްޓްތައްވެސް ނުހުއްޓޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޕްރޮޖެކްޓް އޮފިސަރ ޝަހުމީދު ޢަބްދުﷲ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް ޕްރޮޖެކްޓް އޮފިސަރ ޝަހުމީދު ޢަބްދުﷲ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުންފުނިން ދިވެހި ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތަކަށް އެއްވެސް އަސަރެއް ނުކޮށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަނުން ދެއްވިއިރު، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް އަލަށް އުފެދޭ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބޭނަކަން ކުންފުނީގެ އެކްސްކޯ ޓީމުން ވަނީ ދެއްވާފައެވެ.

ފެނަކަ ކޯޕަރޭޝަނަކީ 100 އަށްވުރެ ގިނަ ރަށުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދެމުންދާ، އަދި ގިނަ ރަށްތަކެއްގައި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ދެމުންދާ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެވެ.