ސްޓެލްކޯގައި ތިބި ޓެކްނިކަލް މުވައްޒަފުން ސިޔާސީވުމުގެ ސަބަބުން، ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށާއި، މިއީ ވިސްނަން ޖެހޭ ކަމެއް ކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ތާރީހުގައި ފުރަތަމަ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ސީއީއޯ ޒުހޫރު ވިދާޅުވީ އެ ކުންފުންޏަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ މުވައްޒަފުން ސިޔާސީވުން ކަމަށާއި އެކަމަކީ ކުންފުނީގެ މުސްތަގުބަލަށް ގެއްލުންވެދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންގެ އެންމެ އާދައިގެ މުވައްޒަފަކީ ވެސް ސިޔާސީ މީހަކަށް ވާތަން. ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފަ، އެއީ ތިމަންނަ ޕޮލިޓިކަލް ވިސްނުމުން ބުނާ އެއްޗެކޭ ބުނުން. އެހެންނަމަވެސް މިއީ ޓެކްނިކަލް ކުންފުންޏެއް. އަޅުގަނޑުމެން މި ބޭނުންވަނީ ޓެކްނިކަލް ކެޕޭސިޓީ ޑިވްލޮޕްކުރަން. ޕޮލިޓިކަލްއެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.

ސްޓެލްކޯ އަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވީ ހިނދު އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް އެއްބާރުލުން ދޭން ޖެހޭނެކަމުގައި ޒުހޫރު ވިދާޅުވިއެވެ،

"އަޅުގަނޑުމެންގެ ތެރޭގައި އެއް ބަޔަކު ލޭ ހޫނުވަމުން މިދަނީ އެއިރެއްގައި އޮތް ސަރުކާރަކާ އެއްކޮޅަށް. އަނެއް ބަޔަކު މި ލޭ ހޫނުވަނީ ސަރުކާރާ އިދިކޮޅަށް. މިއީ އަޅުގަނޑަށް ފެންނަމުން ދިޔަ މަންޒަރު. މާދަމާ 17 ނޮވެމްބަރުގެ ފަހުން ހަވާލުވާނީ އެހެން ސަރުކާރެއް. މި ޓެކްނިކަލް ސްޓާފުން ޖެހޭ އެ ސަރުކާރަށްވެސް ހިނިތުންވުމާއެކު މަރުހަބާ ކިޔަން. އެކަން އެގޮތަށްވެގެން ނޫނީ ހަމަ ޖެހުމެއް ނާންނާނެ،" ޒުހޫރު ވިދާޅުވި އެވެ.

އަދި މުވައްޒަފުން ސިޔާސީ ވުމުން ނާގާބިލް މީހުން ކުންފުނީގެ މެނޭޖުމެންޓަށް ގެންނަން މަޖުބޫރުވާ ކަމަށްވެސް ޒުހޫރު ވިދާޅުވިއެވެ.

"މިހެން [ސިޔާސީ] ވުމުން ވާގޮތަކީ ކޮންމެވެސް މީހަކު، އޭނަގެ ކެޕޭސިޓީ ނެތަސް ހެޔޮ. ނޮލެޖު ނެތަސް ހެޔޮ. އޭނަވެސް ބޭނުންވަނީ ކުންފުނީގެ އެގްޒެކެޓިވް އަށް އަންނަން. މިހެންވުމުން ޓެކްނިކަލް ކުންފުންޏެއްގެ ގޮތުގައި ނުހިންގޭނެ. އަޅުގަނޑު މި ވާހަކަ މި ދައްކަނީ ރަނގަޅު ކުރަން ބޭނުންވާތީ. މި އިލެކްޝަންގެ ފަހުން ފެނުނީ އެއް ސްޓާފެއް އަނެއް ސްޓާފަކަށް ގޮންޖަހައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާތަން،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ކޮންމެ ކުލައެއްގެ މީހެއް ނަމަވެސް ވަޒީފާގެ މާހައުލުގައި ޕްރޮފެޝަނަލިޒަމް އިސްކުރަން ޖެހޭނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ީއބ

    ބަލަ ކަލޭމެން މިޖްބޫރުކޮއްގެން ޖަލްސާތަކައް މުއައްޒިފުން ގެންދާވަހަކަ އަބަދު ދައްކަނީ އޯކޭދޯ

  2. ައަސްލު ވެރިޔާ

    ޙަގީގަތުގަ ޒުހޫރު އަކީ ވަރައް ނައިސް ބޭފުޅެއް .އެކަން އެނގުނީ އަތޮޅުތެރެ އައް އެބޭފުޅާ ކުރެއްވި ދަތުރުތަކުން އަޅުގަނޑަކީ ވެސް އަތޮޅުތެރެއައް ނިސްބަތްބާ މީހެއް.

    ޡުހޫރުގެ ޓެކްނިކަލް އަދި ސުޓާފުންެގެ އޮންނަ ގުޅުން ބަދަހިކުރުމައް ވަރައް މަސައްކަތް ކޮއްދެއްވި.

    ޢޭގެ މިސާލަކީ ރީޖަނަލް ބައި އުވާލައި އެންމެ އާދައިގެ ސުޓާފް އަކައްވެސް މައްސަލަ އެއް ނޫނީ ތަނައް ހޯދަން ބޭނުންވާ އެއްޗެއްވެސް އެންމެމަތިން ތިބެ ވެރިންނައްސީދަ އަންގައިދެވޭތީ.

  3. ބުއްޅަބޭ

    ރަނގަޅުވާހަކަޔެއް! އެކަމަކު ރީދޫ ދަސްކޮށްފަހުރީ އެގޮތަށް އުޅޭކަށްނޫން!

  4. އަލްޖިބްރާ

    ބަލަޭ ތިހިސާބުގައި ބެހެއްޓީވެސް ޔާމީނުއަށް ތާއީދު ކުރީމާ ! އެހެންމީހުންވެސް އެމީހަކު ބޭނުން ޕާރޓިއަކާ އެއްކޮޅަށް އުޅޭނެ ! ޔާމީނަށް ދަޅަދައްކަމުން ޔާމީނު ބުނިގޮތަކަށް ނޫން ގޮތަކަށް ކަންތައް ކުރެވުނުތަ ؟ އެހެންމީހުނަށްވެސް އެޖާގަ އޮންނަން ޖެހޭކަން ކަލެއަކަށް ޤަބޫލެއް ނުކުރެވުނު އުތަ ؟

  5. ާާއަހުމަދު

    ސިޔާސީކުރީ ކޮންބައެއްތޯ