ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެއްޖެއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއާ ގުޅިގެން އިބޫއަށް، ރަސްގެފާނު ސަލްމާނު ފޯނު ކުރައްވާ މަރުހަބާ ދެންނެވި ކަމަށެވެ.

ރަސްގެފާނު ސަލްމާނު ފޯނުން ގުޅުވައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންފުޅުވާކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސައުދީގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސައުދީ ރަސްގެފާނު އިބޫ އަށް ފޯނުން ގުޅުއްވާފައި ވާއިރު، ސައުދީގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ވެސް ވަނީ އިބޫ އަށް ފޯނުން ގުޅުއްވާ މަރުހަބާ ދަންނަވާފައެވެ.

މިދިޔަ ހަފްތާގައި ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާއެކު، ބޭރުގެ އެކި ގައުމުތަކުންނާއި ބައިނަލްއަގްވާނީ ޖަމިއްޔާތަކުން އަންނަނީ އިބޫ އަށް މަރުހަބާ ދަންވަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ, އިގިރޭސިވިލާތް, ޗައިނާ އަދި އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ހާދަ ލަހަކުން މިރަސްގެފާނުމެން ރައީސު އިބޫއަށް މަރުޙަބާ ފޮނުވީ، މިގޮތަށް ދުނިޔޭގެ ރަސްރަސްކަލުންނާއި ރައީސުން ގައުމުތަކަށް އަލަށްއިސްވާ ވެރިއަކަށް ތަހުނިޔާ ފޮނުވުަކީ އެއީ ދުނިޔޭގެއާދަ، އިންޓަނޭޝަނަލް ގަވާޢިދު، މިއަދު މިކަންތައްވެސް އާކުކުޅަކަށް ގާބިހެއް އެޅުނީމަހެން ޝޯދައްކަން އުޅޭބަޔަކު އެބަތިބި