ޕެރަމެޑިކްސް ސްކިލްސް ޑިވަލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމެއް ލ.ގަމުގައި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތާއި އޮސްޓްރޭލިއަން އެވޯޑްސްގެ އެހީގައި ލ.ގަމުގައި ފެށި މި ޕްރޮގްރާމް މިއަދުން ފެށިގެން 19 އޮކްޓޯބަރ 2018 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ.

ހެލްތު މިނިސްޓްރީ އިން ވިދާޅުވީ މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ހޮސްޕިޓަލުތަކާއި އައި.ޖީ.އެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލް ހިމެނޭގޮތަށް ޖުމްލަ 25 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމްގެ މަޤުޞަދަކީ ކުއްލިހާލަތުގައި ބަލިމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެގޮތް ދެނެގަތުމާއި، ބަލިމީހާ ހޮސްޕިޓަލަށް ގެންދެވެންދެން ދެވޭނެ ފަރުވާތަށް އުނގަންނާދިނުމާއި ،ޕްރޮފެޝަނަލް ގޮތެއްގައި މުޢާމަލާތްކުރަން ދަސްކޮށްދިނުމާއި، ކުއްލިހާލަތުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ހިފަހައްޓާނެ ގޮތާއި އަދި މިނޫނަސް މިކަމާއި ގުޅޭ ފަންނީ އެކި ހުނަރު އުނގެންނައިދިނުން ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވިއެވެ.

މިޕްރޮގްރާމުން ހާސިލްވާނެ އިތުރު ހުނަރުތަކުގެ ތެރޭގައި ކްލިނިކަލް ކަންކަމުގައި ޕްރޮފިޝަނަލް ގޮތެއްގައި ކަންކަން ނިންމާނެގޮތާއި އެކަމުގެ ހުރަނާ ގާބިލްކަން އިތުރުކުރުމުގެ އިތުރުން ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ފުރިހަމަ އިދާރީ އަދި ފަރުވާދެވޭނެ އެޕްލިކޭޝަނެއް މޯބައިލް ކްރިޓިކަލް ކެއަރ ސެޓިންގ އަކުން ޤާއިމްކުރުމަށް އެހީތެރިވެ ދިނުމާއި، ދިވެހިރާއްޖެ އެލައިޑް ހެލްތު ޕްރޮފެޝަނަލުންނާއި މެދު ޕްރޮފެޝަނަލް ނެޓްވޯކިންނެއް ޤާއިމްކުރުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވިއެވެ.

މިޕްރޮގްރާމް ހިންގުމުގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އޮސްޓްރޭލިއަން އެއިޑް އިން ކަނޑައަޅާފައިވަނީ އޮސްޓްރޭލިޔާގެ ގްރިފިތު ޔުނިވަރސިޓީގެ ކަމާބެހޭ ތަޖުރިބާ ލިބިފައިވާ ފަންނުވެރިންނެވެ.

ޕެރަމެޑިކްސް ސްކިލްސް ޑިވަލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމެއް ލ.ގަމުގައި ފަށާފައިވާއިރު، ރަސްމީކޮށް މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަހަރު ޖުލައި 10އިން 11 އަށް މާލޭގައި ވެސް ވަނީ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.