ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މަޢުމޫންގެ މައްޗަށް ދައުލަތުން އުފުލި ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށްކަމަށް ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެއްބަސްވެލައްވައިފިއެވެ.

ދައުލަތުން މިގޮތަށް އެއްބަސްވެލައްވާފައިވަނީ، ފާރިސް އަށް މި މައްސަލައިގައި އިއްވާފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައެވެ. ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށްބުނެއެވެ.

ފާރިސްގެ ވަކީލުން އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވި އެއްކަމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނު އޮންނަ ގޮތުން، އަޑުއެހުންތައް ތާވަލް ކުރަން ޖެހޭނީ ދެ ފަރާތާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިޔަސް، ދަށު ކޯޓުން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެ އުސޫލާ ޚިލާފަށް ކަމަށް ބުނާ ބުނުމެވެ. މި ހުށަހެޅުމާމެދު ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދަށު ކޯޓުގައި މައްސަލަ ކުރިއަށް ގެންދިޔައިރު، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 116 ވަނަ މާއްދާއާ ޚިލާފަށް އަޑުއެހުންތައް ތާވަލްކޮށް އެ އަޑުއެހުން ބޭއްވި ކަމަށް އެއްބަސްވެލައްވާ ކަމަށެވެ.

ދަށު ކޯޓުގައި މައްސަލަ ކުރިއަށްދިޔައީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށްކަމަށް ދައުލަތުން އެއްބަސްވެލެއްވުމުން މައްސަލަ ބައްލަވާ ބެންޗުން ދައުލަތާ ސުވާލު ކުރެއްވިއެވެ. އެގޮތުން ޖިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް އެކަން ހިނގާ ކަމަށް ދައުލަތަށް ގަބޫލު ކުރެވޭއިރު، އެކަން ހުއްޓުވަން ދައުލަތުން ދަށު ކޯޓުގައި އޭރު މަސައްކަތް ކުރިންތޯ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އެ މައްސަލައިގެ ޝަރީއަތް އޮތީ ކިހާ ހިސާބެއްގައިތޯ ފަނޑިޔާރުން ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ޝަހްސު އޮޅުވާލުމުގެ މައްސަލަ ޝަރީއަތަށް ހުށަހެޅިއިރު ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލު ކުރަން ފަށާފައި ނުވާ ކަމަށާއި، ނަމަވެސް މައްސަލައިގެ ޝަރީއަތް ފެށުނުއިރު ޤާނޫނަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި އިޖުރާއަތާ ޚިލާފަށް މައްސަލައިހެ އަޑުއެހުންތައް ތާވަލު ކުރައްވާތީ އެކަމާ ފާރިސްގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމުން، އަޑުއެހުންތައް ފަސް ކުރުމަށް ދައުލަތުން އިންކާރު ކޮށްފައި ނުވާނެ ކަމަށްވެސް ދައުލަތުގެ ވަކީލުން ހައުކޯޓުގައި މިއަދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަޙްމަދު ފާރިސް މަޢުމޫންގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ، އަޑުއެހުންތައް ފަސްކުރަން ދައުލަތުން ދެކޮޅު ނުހެއްދެވި ނަމަވެސް، އިޖުރާއަތާ ޚިލާފަށް ޝަރީއަތް ހިނގާކަން އެނގިހުރެ އެކަމާ މެދުގައި ދައުލަތުން އިތުރު އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ. އަދި ފާރިސްގެ ވަކީލުންގެ ޓީމުގެ ތެރެއިން މަޢުމޫން ހަމީދު ވިދާޅުވީ، ދައުލަތުގެ މި އިއުތިރާފަށް އެކަނި ބިނާކޮށްވެސް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރެވެންޖެހޭ ކަމަށެވެ.

ހަމައެއާއެކު ފާރިސްގެ ވަކީލުން ހުސައިން ޝަމީމް ވިދާޅުވެފައިވަނީ، މި މައްސަލައިގެ އިސްތިއުނާފް ބިނާ ކޮށްފައިވާނީ މައުޟޫއީ ގޮތުން ހުރި ޝަކުވާތަކަކާއި އިޖްރާއީ ގޮތުން ހުރި ޝަކުވާތަކެއް ފާހަގަކޮށްގެން ކަމަށާއި، ދައުލަތުގެ އިއުތިރާފާއެކު އެކަންކަމާ މެދު މިހާރު އެއްވެސް ސުވާލެއް އުފެއްދެން ނެތް ކަމަށެވެ. އެހެންކަމުން އެކަންކަމުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުގެ ހުކުމް މިހާރު ބާތިލްކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން އަލީ ހިމެނިވަޑައިގަންނަވާ ބެންޗުން މި މައްސަލަ ހައިކޯޓުގައި ބަލަމުންދާއިރު، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ. މިއަދުގެ އަޑުއެހުމާއެކު މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވާއިރު، ވަރަށް އަވަހަށް މި މައްސަލައިގައި ހުކުމް އިއްވާނެކަމަށް ފަނޑިޔާރުން ވަނީ އިއުލާން ކުރައްވާފައެވެ. ފާރިސްގެ މައްޗަށްޝަހްސް އޮޅުވާލުމުގެ ކުށް ސާބިތުވެ ގިނަ ދުވަސްތަކެއްގައި ޖަލުގައި ހުންނެވުމަށްފަހު ރޭ ހައިކޯޓުން ކަފާލާތުގެ ދަށުން ފާރިސް ވަނީ މިނިވަން ކޮށްފައެވެ.

ޝަހްސް އޮޅުވާލުމުގެ މައްސަލައިގެ ކުށް ސާބިތުވެ ހުކުމް ކޮށްފައިވާއިރު، ނިރުބަވެރިކަމުގެ އަމަލެއް ހިންގަން އުޅުމުގެ ކުށުގެ ޝަރީއަތާއި، ރިޝްވަތުގެ ޝަރީއަތްތަކެއްވެސް ފާރިސްއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.