ހދ. ނޮޅިވަރަމްފަރުގައި ސަރުކާރުން ގާއިމުކުރަން ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) ގެ ލޯނު އެހީގައި ދިވެހި ސަރުކާރުން ނޮޅިވަރަމްފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. މިއަހަރުގެ ފަހުކޮޅުގައި މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫއަށް 44 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ނޮޅިވަރަމްފަރުގައި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއި، ނަރުދަމާ ވިއުގަ ގާއިމުކުރުމުގެ އިތުރުން އިދާރީ މަސައްކަތްތަކަށް އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

ނޮޅިވަރަމްފަރުގެ ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ – ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ނޮޅިވަރަމްފަރުގައި އައު ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށް މީހުން ބަދަލުކުރުމަށް އެލިއާ ކޮންސްޓަރަކްޝަން އިން އެޅި 147 ގެ ހިމެނޭ ސަރަހައްދުގައި ކުރިން އަޅާފައިވާ ނަރުދަމާގެ ނިޒާމް ހަލާކުވެ އެރަށުގެ ރައްޔިތުން އައީ ބޮޑެތި ތަކްލީފުތަކެއް އުފުލަމުންނެވެ.

ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ސިޔާސަތުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ނޮޅިވަރަމްފަރުގައި ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ޒުވާނުންނަށް ހާއްޞަކޮށްގެން ސްޕޯޓްސް އެރީނާއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ލަފާފުރުމަށް ހިތްގައިމު ގުދުރަތީ ފަށެއް ބޭނުންކުރަމުންއައި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ލުއި ފަސޭހަ ކޮށްދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން 750 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެއް ވަނީ ތަރައްޤީކޮށް ނިންމާފައެވެ.

ނޮޅިވަރަމްފަރަކީ ހދ.އަތޮޅުގެ ކުދި އާބާދީތައް އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ތަރަށްޤީ ކުރާ ރަށަކަށްވާއިރު، ވަރަށް ކައިރި މުސްތަޤްބަލެއްގައި އެރަށުގައި ސާފު ބޯފެނުމެ ނިޒާމް ޤާއިމުކުރުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.