ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

އެމައްސަލައިގައި ސްޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މިމައްސަލައިގައި މީގެ ކުރިން ދައްކާފައިވާ ވާހަކަތަކުގެ އިތުރުން ވާހަކައެއް ދައްކަން އެއްވެސް ފަރާތަކުން ބޭނުންވޭތޯ ސުވާލު ކުރައްވާފައެވެ.

އެ ފުރުޞަތުގައި އައު ވާހަކައެއް ނުދެއްކެވި ނަމަވެސް ސައުދުގެ ވަކީލް ޢަލީ ޝާހް ވިދާޅުވީ، މި މައްސަލައަކީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށާއި، މައްސަލަ ނުނިމި މިހާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވުމުގެ ސަބަބުން 6000 އަށްވުރެ ގިނަ ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިފުލޭގެ މަގު ބަންދުވެ، އެ ރައްޔިތުންގެ ހައްޤުތަކަށް އުނިކަން ލިބެމުންދާ ކަމަށެވެ.

ސައުދުގެ ވަކީލް ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ސައުދު ހުސައިން ވަކިކޮށްފައިވާކަން އެ ޕާޓީގެ ސިޓީއަކުން 2017 އޭޕްރިލް 13 ވަނަ ދުވަހު ސައުދު ހުސައިން އަށް އަންގާފައިވާ ކަމަށާއި، އެ ސިޓީއަށް އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން އަދި ޕީޕީއެމް އިންވެސް އިންކާރުކޮށްފައި ނުވާ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ، ސައުދު ހުސައިން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވަނީ 18 ޖުލައި 2018 ވަނަ ދުވަހު ކަމަށާއި، 13 އެޕްރީލް 2017 ވަނަ ދުވަހުގެ ސިޓީއަކީ ޞައްޚަ ސިޓީއެއްކަން ޕީޕީއެމް އިން ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ 12 މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން، ނިމިގެންދިޔަ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅާ ގުޅުވައިގެން މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަން ސައުދު ހުސައިން ފެއްޓެވި ނަމަވެސް، އެ ވާހަކަތައް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ހުއްޓުވާފައެވެ. ސައުދުގެ ވާހަކަ ހުއްޓުވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސިޔާސީ ބޭފުޅުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކަކީ ސްޕްރީމް ކޯޓުގައި މައްސަލަ ނިންމަވާއިރު ރިއާޔަތް ކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު މާޝާ ވިދާޅުވީ، ސައުދު ހުސައިން އާމެދު ސުލޫކީ ފިޔަވަޅު އެޅިކަން ޕީޕީއެމްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވަނީ 2017 ޖުލައި 18 ވަނަ ދުވަހު ކަމަށާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު މެންބަރުކަމުން ވަކިވެއްޖެ ކަމަށް ދައުލަތުން ދެކެނީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އުނި ކުރުމުން ކަމަށްވެސް މާޝާ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ މިމައްސަލައިގައި ވަރަށް އަވަހަށް ޙުކުމް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ.

ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައި ވަނީ ފްލޯ ކްރޮސިންގެ އުސޫލަކީ (އިންތިހާބުވާ ޕާޓީ ދޫކޮށްލާ އެހެން ޕާޓިއަކަށް ބަދަލުވާ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލަކީ) ރާއްޖޭގެ މަލްޓިޕާޓީ ނިޒާމް ހަރުދަނާކުރުމަށް މުހިންމު އުސޫލެއް ކަމަށް އެ ކޯޓުން ދެކޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށްބުނާ 12 މެންބަރުންގެ ގޮނޑިއާމެދު މީގެ ކުރިން ސީދާ ވަކި ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.

ސައުދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލެއްވިއިރު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު (ލޯޔަރު ވައްޑެ) ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ހެނދުނު ސްޕްރީމް ކޯޓުން ވަނީ ނިންމާލައިފައެވެ. އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް މާދަމާއަށް ސްޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުނެވިދާނެއޭ

    އަދުލުވެރި ހުކުމެއް އިއްވައިދީ ކަމަށްވާނަމަ އަދުލުވެރި ވާނީ ތަމެންގެ ގޮނޑިވަނީ ގެއްލިފައި ސަބަބަކީ އެއީ ޕީޕިއެމްގެ މެމްބަރުން ވޯޓް ދީގެން ހޮވާފައިވާ މީހަކަށްވާއިރު ތަމެން ޕީޕީއެމް މެމްބަރުންނަށް ހަރާމްކޯރު ވެއްޖެނަމަ އެއީ ފްލޯރ ކްރޮސް ކުރީއޭ އެކަން ކޮށްފިނަމަ ތަމެން ޖެހޭނީ ގޮނޑި ދޫކޮށްލާ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެންއޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ ކަޓް ކައިގެން ތަމެންގެ ގޮނޑި ނުގެއްލެއޭ ބުނެވިދާނެ ދޯ.