ދޮށީ އުމުރުގެ މީހުންނަކީ ޤައުމު ބިނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ބައެއްކަމަށާއި، އެ ފަރާތްތަކުގެ ޢިލްމާއި، ހުނަރު އަދި ތަޖުރިބާ މިއަދު ވެސް ޤައުމުގެ ކުރިއެރުމަށް ބޭނުންކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި މިއަދު ދެއްވި ޚިޠާބުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް، ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ދޮށީ އުމުރުގެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އަޅައިލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޢާއިލާއާއި މުޖުތަމަޢުގެ ދައުރު ފުޅާކުރެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި ވެސް ދޮށީ އުމުރުގެ އާބާދީ ހަލުވި މިނެއްގައި އިތުރުވަމުންދާކަން ފާހަގަކުރައްވައި، ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ތަފާތު ސިޔާސަތުތައް ތަޢާރުފުކޮށް، ޚިދުމަތްތައް ފުޅާކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

އެ ގޮތުން، ފަސޭހައިން ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދީ، ދާނުގައި ތިބެންޖެހިފައިވާ ދޮށީ އުމުރުގެ މީހުންނަށް ގޭގައި ޞިއްޙީ ފަރުވާ ލިބޭނޭ ގޮތް މިހާރު ހަމަޖެހިފައިވާކަމަށާއި، އެ ފަރާތްތަކަށް ދުޅަހެޔޮ އަދި ފާގަތި ދިރިއުޅުމެއް އުޅެވޭނެ ގޮތްތައް ހޯދައިދިނުމުގެ މަޤްޞަދުގައި ރަންވޭލާގެ ނަމުގައި ޤައުމީ ކެމްޕޭނެއް ހިންގައި، މި ކެމްޕޭނު މެދުވެރިކޮށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި، ދޮށީ އުމުރާ ގުޅޭ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށް، 1991ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.