ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ "ހިޔާ މަޝްރޫޢު" މަޑު ޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.

އޭސީސީއިން ހައުސިން މިނިސްޓްރީއަށް މިއަދު ފޮނުވި ސިޓީއެއްގައި މި މަޝްރޫއު މަޑުޖައްސާލަން އެންގީ އެ މަޝްރޫއާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަމުންދާތީއެވެ.

ހިޔާ މަޝްރޫއަކީ ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި މަޝްރޫއަކަށްވާތީ ވީހާވެސް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކުރިޔަށް ގެންދަން މުހިންމުވާނެ ކަމަށް ފެންނާތީ ވަކި އެއްޗެއް އަންގަންދެއް އެ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ފްލެޓު ދޫކުރުމުގެ ގޮތުން ކުރަމުންދާ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން ވަނީ ހައުސިން އަށް އަންގާފައެވެ.

"ހިޔާ މަޝްރޫޢު" އަށް ފޯމް ބަލައި ގަތުން މިއަދު ނިންމާލާފައިވާއިރު މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ ޖޫން މަހެވެ. ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީ އިން ކުރިން އޮތީ ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ނާކާމިޔާބު ވުމުން "ހިޔާ މަޝްރޫޢު" އަށް ދެން ވާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

ހުޅުމާލޭގައި މިހާރު ވެސް 7000 ފްލެޓް އިމާރާތްކުރަމުން އެބަ ގެންދެ އެވެ. އެ ފްލެޓްތައް މުޅިން ނިމޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ސަރުކާރުން އަލުން ފްލެޓް ފޯމް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށް އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަން

  ކޮރަޕްޝަނުގެ ދަށުން އިބޫ ބޭނުން މީހަކަށް ދޭން މަޑުކޮއްލާ

 2. ދިވެހި ދަރިއެއް

  އޭސީސީ ވެސް ކޮރޮޕްޓް ވީ ކަމަށް ފެނޭ

 3. ބަލާތި

  ކޮބާ މަމެން އިލެކްޝަންސް ކަމިޝަން އިން ނަތީޖާ އިއުލާން ކުރަން ފެށިތަނުން ބުނެފިން ވޯޓް ގައި ވަނީ މަކަރާއި ހީލަތް ހަދާފައި ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރަން އެކަމަކު މަމެންގެ ރައީސް ހީކުރީ މީހުން ވޯޓް ނުދިނީ ކަމަށް ނޫން ވޯޓް ވެސް ދިން ހެދި ގޮތަކީ ވޯޓް ގުނުމުގައި ވެސް މަކަރު ހެދީ އަލުން ވޯޓް ގުނަން ޖައްސަންވީ އަދި ވޯޓް ލާމީހުންގެ ލިސްޓް އާއި ވޯޓް ލި މީހުންގެ ލިސްޓް ވެސް ބަލަންވީ ހަމަ ސީދާ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނާއި އިލެކްޝަންސް ކަމިޝަންގެ ރައީސް ގުޅިގެން ވޯޓް އިން އެމްޑީޕީ އަށް ވައްކަން ކޮށްދީ އެތައް ހާސް ބަޔެއްގެ ވޯޓް އޮޅުވާލާ ވޯޓް ފޭރިގަތީއޭ މަމެން ނަތީޖާ ގަބޫލެއް ނުކުރާނަމޭ މިކަން ބަލަން ސްޕްރީމް ކޯޓަށް ހުށައަޅާށޭ..

 4. ނުކުރާތި

  އޭސީސީ އަށް ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް ކޮށްފައިވާ އިއުލާނާއި އެއްގޮތަށް ސަރުކާރުން އެކަން ކުރަން އުޅުމުން ރައްޔިތުންގެ ވޯޓް އިން ވެސް ނުހޮވޭ މީހަކު ހޮރުން ނިކުމެ ތިމަންމީ އޭސީސީ ރައީސް އޭ ކިޔާ އެމްޑީޕީ ހަރުގޭން ނެރޭ ވައްތަރު އިއުލާން ނުވަތަ އެންގުން ސަރުކާރަށް އެންގި ނަމަވެސް އެއީ ކޮރަޕްޓް އެންގުން ތައް އެއަށް ނުޖެހޭނެ ސަރުކާރުން ތަބާވާން.