ސްރީލަންކާގެ ކޮޓެލަވާލާ ޑިފެންސް ޔުނިވަސިޓީ ސްކޮލަރޝިޕްތަަކުގެ ދަށުން ލިބޭ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ސްރީލަންކާގެ ކޮޓެލަވާލާ ޑިފެންސް ޔުނިވަސިޓީ އިން ހުޅުވާލާފައިވާ 16 ކޯހުގެ ތެރެއިން 10 ކޯހަކަށް ކުރިމަތި ލުމުގެ ފުރުސަތު ދިވެހިންނަށް ލިބެއެވެ. އެއީ އިންޖިނިއަރިން، އިންޖިނިއަރިން އިން އެއާކްރާފްޓް މެއިންޓަނަންސް އިންޖިނިއަރިން، އެއާކްރާފްޓް މެއިންޓަނަންސް، ކޮމްޕިއުޓާ ސައިންސް، ސޮފްޓްވެއާ އިންޖިނިއަރިން، ކޮމްޕިއުޓާ އިންޖިނިއަރިން، މެޑިކަލް ލެބޯޓްރީ ސައިންސް، ފިޒިއެތޮރަޕީ، ރޭޑިއޯގްރަފީ އަދި ރޭޑިއޯތެރަޕީ އެވެ. ހުރިހާ ދާއިރާ އަކުން ވެސް ހުޅުވާލާފައި ވަނީ ޑިގްރީ ފެންވަރުގެ ކޯސްތަކެވެ.

މިކޯސްތަކުގެ ތަފްސީލާއި، ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތައް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓްގައި ބަޔާންކޮށްފައި ވެއެވެ.

ކޯސްތަކަށް ކުރިމަތިލާން ޖެހެނީ އޮކްޓޯބަރ މަހުގެ 08 ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

ކޯހުގެ ޝަރުތުތަކުގެ އިތުރުން ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު، ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު، ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު، ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު ސަރުކާރަށް ޚިދުމަތް ކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

އަދި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ އެ ޑިޕާޓްމަންޓު މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވާ މީހަކަށް ވެސް ވާން ޖެހޭނެއެވެ.

މީގެ އިތުރުން އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވެސް ވާން ޖެހޭނެއެވެ. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގެ ކޮޓަލަވާލާ ޑިފެންސް ޔުނިވަރސިޓީ (ކޭ.ޑީ.ޔޫ) އިންނެވެ.