ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާއަށް އިހްތިރާމްކޮށް ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ވެރިކަން ބަދަލުކުރުމުގައި އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ފަރާތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަރުވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދިދީ މިއަދު ވިދާޅުވީ އިބޫގެ ފަރާތުން އެކުލަވާލެއްވި ޑިފެންސް އެންޑް ސެކިއުރިޓީ ކޮމިޓީގެ ބޭފުޅުން މިއަދު ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވާފައި ކަމަށެވެ. އެ ބައްދަލުމުގައި ރައްޔިތުންގެ ނިންމުމާއި އެއްގޮތަކަށް ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ފަރާތްޕުޅުން އިބޫއަށް އަރުވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ބައްދަލުވުމުގައި މިނިސްޓަރ އޮފް ޑިފެންސް ވެސް ވަނީ ޔަގީންކަން ދެއްވާފަ ދިވެހި ރައްޔިތުންގެ ނިންމުން އެބޭފުޅުންނަށް ވަރަށް ސާފު ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް އިހްތިރާމް ކުރައްވާ އެ ރައްޔިތުންގެ ނިންމުމާއި އެކީގައި މިނިސްޓްރީ އޮފް ޑިފެންސުން ކަންކަން ކުރައްވާނެ ކަން. މި ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ކަންކަން ކުރަން އޮތް ގޮތަށް ކަންކަން ގެންގޮސްދެއްވާނެ ކަމަށް،" މާރިޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްއެންޑީއެފް އަކީ ވަކި މުވައްސަސާއެއްގެ ގޮތުގައި ހިންގާ ތަނެއް ނަމަވެސް، އެ މުވައްސަސާއިން ކުރަންޖެހޭ ކަންކަން ކުރުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން މަގުފަހިކޮށްދޭނެ ކަމަށެވެ.

އިބޫގެ އެކުލަވާލެއްވި ޑިފެންސް އެންޑް ސެކިއުރިޓީ ކޮމިޓީގެ ބޭފުޅުންނާއި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ބައްދަލުކުރައްވާފައިވާއިރު އެމަނިކުފާނުގެ އަރިހުގައި އެބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރު އާއި ޑިފެންސް މިނިސްޓްރީގެ ޕީއެސް ޝާންވެސް ވަނީ ބައިވެރިވެފައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔަގެ ވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އާއިވެސް ބައްދަލު ކުރައްވާފައެެވެ. އަދި ދާދި ފަހުން އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަގުވޯޓާ

    ރައީސް ޔާމީނާ އެކު ގާނޫނާ ޚިލާފު "ޑީލަކަށް" ނުދާނަން ކަމަށް ތަމެން ބުނަނީ ތަމެންނާއި އެކު ގާނޫނާއި ޚިލާފު ޑީލް އަކަށް ދާން ރައީސް ޔާމީން ބުނީތޭ ނޫން ނުބުނޭ ދޯ ދެން ކޮން ކަނޑުކޮހެއްތޭ ތަމެން ތިޔާ ގޮވަނީ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ މަމެންގެ ބިއުޓިފުލް ރައީސް މުޒާހަރާ އަށް ނިކުތީ އެއީ މަމެންނަށް ވޯޓް ދިން 150 ހާސް މީހުންގެ ހައްގުގައި މަމެން ގަބޫލެއް ނުކުރަން ތަމެން 130 ހާސް ވޯޓް ލިބޭނެ ކަމަށް މަކަރު ވޯޓް ރައީސް ތޭ ތަމެން ނަކީ އޭން ބުނެބަލަ ވަގު ވޯޓް ރައީސް ދޯ..

  2. އެހެންތޭ

    ސަލާމަތީ ހިދުމަތްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ތަމެންނަށް ދެއްވިނަމަ މަމެންނަށް ވެސް ދޭން ޖެހޭނެއޭ އެއީ ހަމަ އެކަނި ތަމެންނަށް އޮންނަ އެއްޗެއް ނޫނޭ އިނގޭތޭ ވޯޓް ގައި މަކަރާއި ހީލަތް ހަދާފައި ހުރި ނަމަ އެކަން ޖެހޭނެއޭ ބަލަން އެއީ މަމެން ދޫކުރާނެ ކަމެއް ނޫނޭ އެއީ ސަލާމަތީ ބާރު ތަކުން ވެސް ބެހެން ޖެހޭނެ ކަމެއް ނޫން ކަމަށޭ މަމެން މިދެކެނީ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  3. ޢަމަލަ

    ހުރިހާ ތަނެއް އިބޫ ހިޞާރުކޮށްފަ. ދެން ކީކޭ ބުނާނީ.