އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ވެސް ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބޫއަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައި ޝީ ޖިންޕިން ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން ބަދަހިކުރަން ޗައިނާ އިން އޮތީ ތައްޔާރަށް ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ޗައިނާ އިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށާއި އިބޫގެ ވެރިކަމުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ޝީ ވިދާޅުވިއެވެ.

ޗައިނާއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެގޮތުން މާލޭ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖާއި ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ކުންފުނިތަކުންނެވެ.

ޗައިނާގެ ރައީސް އިބޫ އަށް މަރުހަބާ ވިދާޅުވެފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުން ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާގެ މެސެޖުތައް ފޮނުއްވަމުންނެވެ. އޭގެތެރޭގައި އެމެރިކާ އާއި ރަޝިޔާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތައް ހިމެނެއެވެ.

މީގެއިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަމެ

    ތިވަރުކަމެއް އިބު ނުކުރާނެ. ޜައީސް ޔާމީން ޗައިނަ އާއެކު ގުޅުން ބަދަހިކުރުމުން ފާޑުކިޔާ މަލާމާތް ކުރީ ތި ކިނބޫ މެން ކިހާވަރަކުން ދާނެ ބާ.

  2. އަން

    ޗައިނާއަކަށް ފުރުސަތެއް ނެތް. ހުރިހާ ޕްރޮޖެކްޓެއް ދޭނީ އިންޑިޔާއަށް

  3. މަރީ

    އިންޑިޔާ އުޅެނީ މިގައުމު ނުކެވިގެން. މިގައުމަށް ލިބޭ މުައްސަދިކަމަށް ބުތުކައިފައި.ދެން ޗައިނާ އާއި ގުޅުން ގާއިމުކޮށްފިއްޔާ ވެރިކަން ވައްޓާލާނެ

  4. ާއައްމި

    އިންޑިޔާ އަކީ ކަންކަން ކުރެވޭނެ ގައުމެއްނޫން