މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 13:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި މެދުތެރެއާއި ދެކުނުއަތޮޅުތަކުގެ ކަނޑުތަށް ޢާންމުގޮތެއްގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.