50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ޔެލޯ އެލާޓް ނެރެފައި ވަނީ ބ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ވައި ޖެހޭނީ އާންމުކޮށް 27 މޭލާއި 36 މޭލާއި ދެމެދުގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ވައިގަދަވެ ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން މެދުތެރެއާއި ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު 17 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާ އިން ވިދާޅުވިއެވެ.

މެދުތެރެއާއި އުތުރުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި އަދި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް އެއިދާރާ އިން ވިދާޅުވިއެވެ.