ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ނަމުގައި ޓްވީޓް ކުރަމުން ގެންދަނީ ފޭކް ޓްވިޓާ އެކައުންޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ނަންފުޅުގައި ހިންގަވާ ޓްވީޓް އެކައުންޓަކީ ފޭކް އެކައުންޓެއް ކަމަށެވެ.

"އެމަނިކުފާނު ޓްވިޓާ ބޭނުންފުޅު ނުކުރައްވާ ކަން އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި." މުއާޒް ވިދާޅުވިއެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ރޭ ކުރި ޓްވީޓްގައި ވަނީ ރާއްޖޭގައި ބޭއްވޭ އިންތިޚާބުތަކުގައި ނަތީޖާ ކޮންމެ ގޮތަކަށް އައި ކަމުގައި ވީނަމަވެސް އެއްވެސް އުޒުރަކާއި ނުލާ ނަތީޖާ ގަބޫލު ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށެވެ. އެދެނީ އަބަދުވެސް ގައުމަށް ފާގަތި މުސްތަގުބަލެއް ކަމަށް އެޓްވީޓްގައި ވެއެވެ.

އެޓްވީޓަށް 490 އަށް ވުރެ ގިނަ ރީޓްވީޓް ލިބިފައި ވާއިރު 860 އަށް ވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ.

ދިވެހި ބަހުން ކޮށްފައިވާ ޓްވީޓް ފޭކް އެކައުންޓުން މިއަދު ވަނީ އިނގިރޭސި ބަހުން ވެސް ކޮށްފައެވެ.

ފޭކް ޓްވިޓާ އެކައުންޓަކުން ނައިބު ރައީސްގެ ނަމުގައި އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރުމާއި ބެހޭ ގޮތުން ޓްވީޓް ކުރަމުން ގެންދާއިރު ޕީޕީއެމް އިން ގެންދަނީ އިންތިޚާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަމުންނެވެ. ޕީޕީއެމްގެ ބައެއް ބޭފުޅުން ވަނީ އިންތިޚާބު ބާތިލް ކުރަން ވެސް ގޮވާލައްވާފައެވެ. އަދި ބައެއް ބޭފުޅުން ވަނީ އިންތިޚާބު ބާތިލް ކުރުމުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަސަބު

    ސީދާ ޖިހާދުގެބަހެއް ބޭނުންވަނީ މުއާ އަކައް އިތުބާރެއްނުކުރެވޭ

  2. ރާބޮޑޭ

    "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ނައިބު ރައީސް ޖިހާދު ވިދާޅުވީ "ނަތީޖާ ގަބޫލު ނުކުރަންޖެހޭ އެއްވެސް ކަމެއް ހިނގާފައިވާ" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މިރޭ މަރުހަބާ ވެސް ދަންނަވާފައިވާނެ ކަމަށެވެ.