މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްވެރިންނާއި އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލުކުރައްވައިފިއެވެ.

އެމްއެމްއޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން، އެމްއެމްއޭގެ ސީނިއަ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިބޫ ގެންދަވަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ރަސްމީ ނަތީޖާގައިވާ ގޮތުގެ މަތިން ކެންޑިޑޭޓް ނަންބަރު 1، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި ކެންޑިޑޭޓް ނަންބަރު 2، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީން މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.