ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު، އިންތިހާބީ ނައިބު ރައީސާ އެކު މައުމޫން ފައުންޑޭޝަން އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ފައިސަލް ނަސީމަށް ދެއްވާނެ ނަސޭހަތެއް ނެތް ކަމަށާއި އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އަމަލު ކުރައްވާނީ ރަނގަޅަށް ކަމަށެވެ.

" ފައިސަލަކީ ގާނޫނުތަކާއި އުސޫލުތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއް. އެހެންކަމުން އެމަނިކުފާނު އަމަލު ކުރައްވާނެ ގޮތަކާމެދު ޝައްކު ނުކުރަން. ފައިސަލަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ގާބިލު ބޭފުޅެއް " މައުމޫން ވިދާޅުވިއެވެ.

މައުމޫން ފައިސަލް އާއި ބައްދަލު ކުރައްވާފައި ވާއިރު އެމަނިކުފާނު އިއްޔެ ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ވެސް ބައްދަލުކުރައްވާފައެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު ރައީސް މައުމޫނު ބަންދުން ދޫކޮށްލާފައިވަނީ ރާއްޖޭގެ ހައިކޯޓުންނެވެ. މައުމޫން މިނިވަންކުރަން، ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 60000 ރުފިޔާގެ ޑިޕޮސިޓެއް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ބެހެއްޓުމުންނެވެ.

ރައީސް މައުމޫން ޖަލަށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.

މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ނިރުބަވެރި ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. އެ ދައުވާއާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ނިރުބަވެރި ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.