ފެރީތަކުގައި މާލެ އާއި ހުޅުމާލެއަށް ސައިކަލް އުފުލުން، އެ ޚިދުމަތް ކުރިން ދެމުން އައި އެމްޓިސީސީން ހުއްޓާލައިފިއެވެ.

އެމްޓީސީސީން ވިދާޅުވިގޮތުގައި، އެ ކުންފުނިން ފެރީތަކުގައި ސައިކަލް އުފުލުން ހުއްޓާލީ، މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު ހުޅުވުފަހުން އެކަމަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވުމުގެ ސަބަބުން ކަމަށެވެ.

އެމްޓީސީސީން ވިދާޅުވީ، ބުރިޖު ހުޅުވި ފަހުން އެއްވެސް ވަރަކަށް ބުރިޖު މަތީގައި ދުއްވޭފަދަ ހާލަތްތަކުގައި ހުންނަ ސައިކަލްތައް ފެރީގައި ނުއުފުލާކަމަށެވެ. އަދި ސައިކަލް އުފުލުމަށް ކުރީގައި އޮންނަ ފަދައިން ކިއޫއެއްވެސް މިހާރު އެއްވެސް ވަރަކަށް ނޯންނައިރު، ފެރީ ޓާމިނަލްވެސް ގިނަފަހަރަށް އޮންނަނީ ހުސްކޮށް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އެމްޓީސީސީން ވިދާޅުވީ ފެރީގައި ސައިކަލް އުފުލުން ހުއްޓާލިނަމަވެސް ފެރީގައި މީހުން އުފުލުމަށް ކުރާ ދަތުރުތައް ކުރިއެކޭވެސް އެއްފަދައިން ކުރިޔަށްދާނެ ކަމަށެވެ. އެމްޓީސީސީ ފެރީގައި ސައިކަލް އުފުލުމުގެ ޚިދުމަތް ހުއްޓާލިއިރު، ސައިކަލް އުފުލުމަށް ޚާއްސަ ފެރީއެއްވެސް އެ ކުންފުނިން ބޭނުންކުރިއެވެ. އޭގެ އިތުރުން ޢާންމުކޮށް މީހުން އުފުލުމަށް ބޭނުންކުރާ ފެރީތަކުގައި ވެސް ސައިކަލް އުފުލާފައި ވެއެވެ.

ސިނަމާލެ ބުރިޖާއި އެކު އެމްޓީސީސީ ފެރީގެ ޑިމާންޑު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ބުރިޖު ހުރަސްކުރުމަށް އަދި ފީއެއް ނުނަގައެވެ. ބުރިޖު ފީ ނެގުމަށް ނިންމާފައިވަނީ ކޮން ދުވަހަކުން ފެށިގެން ކަމެއްވެސް ކަމާއި ބެހޭ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ސިނަމާލެ ބުރިޖު ހުޅުވުމާއި އެކު މާލެ އާއި ހުޅުލެއާއި ދެމެދު ބަސް ދަތުރުތައް ވެސް ވަނީ ފަށާފައެވެ. އެ ޚިދުމަތް ދެމުންދަނީ އެމްޕީއެލް އިންނެވެ.