ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ނިންމައިފިއެވެ.

ނިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ އަށް އަރުވާލެވިގެން ހުންނަވާތާ ދެ އަހަރު ފަހުން، އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ނިޔާޒު ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވާލުމާ ގުޅިގެން ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެންނެވެ. ނިޔާޒު ވަނީ އެ ހިޔާނާތާ ގުޅޭ މައުލޫމާތު އަލްޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީއާ ވެސް ހިއްސާކޮށްފައެވެ.

ރާއްޖެ ދޫކުރެއްވުމަށްފަހު އާއިލާއާއެކު ނިޔާޒު ދިރިއުޅުއްވަމުން ގެންދެވީ ސްރީލަންކާގައެވެ.

ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އަމިއްލަ އަށް ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ތިބި ސިޔާސީ ފަރާތްތައް ވެސް ރާއްޖެ އައުމަށް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނެއެވެ.

އަދި އަންނަ މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރާއްޖެ ވަޑައިގެންނެވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ދެލޯ

    ނިޔާޒު މާލެ ވަޑައިގަތަސް ނުގަތަސް މޢްސަލައެއް ނެތް. އެހެނީ ގެންދެވި ލާރި ކޮޅު، ކިތައްމެ ބޮޑު ޢާއިލާއަކަށް ކިތައްމެ ޚަރަދު/ބަރަދު ބޮޑު ތަނެއްގައި އުޅުއްވިނަމަވެސް އަދި ހުސްވާން ކާރިވެސް ނުވާނެ ވިއްޔަ!!!