ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ފަދަ މައްސަލަ އެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައިވާ ކަމަށް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ކޮމިޓީތަކުގެ ތެރެއިން ޑިފެންސް އަދި ސެކިއުރިޓީ ކޮމިޓީގެ ފަރާތުން މިއަދު ހޯމް މިނިސްޓަރާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ނަތީޖާ އަށް ބަދަލު އަންނަ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އިންތިހާބާ ބެހޭ ގޮތުން ކުރެވޭ ޝަކުވާތަކުގެ މައްސަަލަ އެބޭފުޅުންވެސް ބެއްލެވި ކަމަށް މިނިސްޓަރު ވިދާޅުވި. އަދި އިންތިހާބުގެ ނަތީޖާ އަށް އަސަރު ފޯރާ ފަދަ މެޓީރިއަލް އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި" މާރިޔާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރާއި ހަވާލާދީ މާރިޔާ މިހެން ވިދާޅުވިއިރު، އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލަން ޖެހިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ނުފޫޒު ފޯރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބެންދެން މުޅި ރާއްޖޭގައި މުޒާހަރާ ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް ދާދިފަހުން ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ މިދިޔަ ހޮނިހިރު އިއުލާންކޮށްފައިވާއިރު، ރަސްމީ ނަތީޖާގައިވާ ގޮތުން ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 (41.60 އިންސައްތަ) ވޯޓެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 134،705 (58.40 އިންސައްތަ) ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބޭސް

    އެއީ އެއިރު. ޢެކަމު މިހާރު މިހިރަ ފެންނަނީނު

  2. ރަޟީނާ އާދަމް

    ނަތީޖާ ބަދަލުކުރުމެއްނޫން އަޅުގަނޑުމެންގެ ބޭނުމަކީ! ނަތީޖާ އެއޮތީ ރައީސްވެސް ޤަބޫލުކުރައްވާފަ! މިއުޅެނީ ޝަކުވާތަކަކާ ޝައްކުއުފެދޭ ކަންތައްގަނޑެއް ހިގައިގެންއުޅޭ މައްސަލަ! އެއްކޮށް ޙަޤީޤަތަކަށްނުވިޔަސް އެ މައްސަލަތައް ބަލަން ރައީސްވެސް ބޭނުންފުޅުވަނީ! އޮޅުވަނުލާ!