އޭޝިއަން ސޯސައިޓީ އޮފް މެސްޓޮލޮޖީ (އެސޯމާ) އާއި ދިވެހިރާއްޖޭގެ އޮޕަރޭޝަން ޑޮކްޓަރ އެސޯސިއޭޝަނާއި ގުޅިގެން އުރަމަތީ ކެންސަރަށް އޭޝިއާގައި ދިމާވާ މައްސަލަތަކަށް އޭޝިއާ އިން ހައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް، ރާއްޖޭގައި ކޮންފަރެންސްއެއް ފަށައިފިއެވެ،

މިއަދު ހޮޓެލް ޖެންގައި ފެށި މި ކޮންފަރެންސް ތިން ދުވަހަށް ދެމިގެން ދާނެއެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ 10 ގައުމަކުން 70 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ. މި ކޮންފަރެންސް ކުރިއަށްގެންދަނީ އެސްޓީއޯގެ ވެސް އެހީތެރިކަމާއި އެކުގައެވެ.

އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ
އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

އަސޯމާއަކީ އުރަމަތީ ކެންސަރު ބަލިތަކަށް އޭޝިއާގައި ދިމާވާ މައްސަލަތަކަށް އޭޝިއާ އިން ހައްލު ހޯދުމަށް އޭޝިއާގެ ގައުމުތައް އެކުވެގެން އުފައްދާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތުގައި 28 ގައުމެއް ހިމެނެއެެވެ.

ރާއްޖޭގައި މި ބޭއްވިގެން ދަނީ އެ އެސޯސިއޭޝަންގެ އަހަރީ ދެ ވަނަ ކޮންފަރެންސްއެވެ. 2016 ވަނަ އަހަރު ސިންގަޕޫރުގައި އޮތް ބައްދަލުވުމެއްގެ ތެރެއިން އުފެއްދި މި އެސޯސިއޭޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާގެ ދިއްލީގައެވެ.

އޮޕަރޭޝަން ޑޮކްޓަރ، ޑރ.ޝިފާން ވިދާޅުވީ، މި ކޮންފަރެންސްގެ ތެރެއިން އޭޝިއާގައި ކުރެވޭ ހުރިހާ ރީސާޗްތަކާއި، އެ ޖަމާއަތުގެ މީހުން އެކުލެވޭ ގޮތަށް ހޯދޭ ތަފާސް ހިސާބުތަކާއި، އެކި ގައުމުތަކުގެ މިކަން ހައްލު ކުރެވިގެންދާނެ ގޮތާއި، އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމަށް ކުރެވެން ހުރި ކަންތައްތަކާއި، ގުޅޭގޮތުން މަޝްވަރާތައް ކުރެވިގެން ދާނެ ކަމަށެވެ.

އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ
އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު އުރަމަތީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

އަސޯމާ ރައީސް ޕޮރޮކްސިން ތަމަނީ ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، އުރަމަތީ ކެންސަރާއި ގުޅޭގޮތުން ލިބެން ހުރި މައުލޫމާތުތައް އަނެކާއަށް ބުނެދީ، ނޭނގެ މައުލޫމާތުތައް އޮޅުން ފިލުވާ، އެފަދަ ބަލިތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަދައްކާ، ހިޔާލު ބަދަލު ކުރުން ކަމަށެވެ.

އަސޯމާގެ ސެކެރެޓަރީ ޖެނެރަލް ޕްރޮކްސިން ދިޕްތިން ސަރްކާރް ވިދާޅުވީ މިފަދަ ބައްދަލުވުމެއްގައި ރާއްޖޭގައި ބާއްވަން ނިންމެވީ، ކެންސަރު ބަލިތަކުން ފަރުވާ ކުރުމަށް އޭޝިއާ ސަރަހައްދުގައި ރާއްޖެ ވެސް ކުރިއަރަމުން އަންނާތީ ކަމަށެވެ.

"އަދި އަޅުގަނޑުމެންް އުއްމީދު ކުރަން، މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގައި ތިބި އަންހެނުން އުރަމަތީ ކެންސަރު ބަލިތަކަށް އަހުލުވެރިވާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.

ޑރ ޝިފާން ވިދާޅުވީ، މިކަމުގައި ހަމައެކަނި ބަލަނީ މީހުން އެކަމަށް ހޭލުންތެރި ކުރުވުން އެކަނި ނޫން ކަމަށާއި، ޕްރޮފެޝަނަލް މީހުންނަށް އިތުރަށް ތަމްރީނު ހޯދޭނެ ގޮތްތަކާއި މަގުތައް ދެނެގަންނަން ބޭނުންވާ ކަމަށެވެ. އެހެންކަމުން މިފަދަ ކޮންފަރެންސެއްގެ ސަބަބުން އެ ހުރިހާ މަގެއްވެސް ހޯދޭކަމަށް ޑރ.ޝިފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެވެއާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި މިހިރީ. އަދި މަސައްކަތް އެވަރަށް ނުކުރެވި މިހިރީ. އެހެންވީމަ މިއީ އެ ހުރިހާ ކަމެއް ޕްލޭން ކުރުން". ޑރ.ޝިފާން ވިދާޅުވިއެވެ.

އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ
އުރަމަތީ ކެންސަރާއި ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަހްމަދު އަލީ

އުރަމަތީގެ ކެންސަރުގެ ބަލިތައް ރާއްޖޭގައި ވެސް ދަނީ އިތުރުވަމުންނެވެ. އަދި މި ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި ދާދި ފަހުން ކެންސަރު ބައްޔަށް ހާއްސަ ޓެސްޓްތައް ހެދެއެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދުމަށް، ކީމޯ ތެރަޕީ ދިނުމާއި، ރޭޑީއޭޝަންވެސް ދެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވަމުންދާ ގިނަ ޑޮކްޓަރުން ފާހަގަކުރެއްވިގޮތުގައި، އެފަދަ ބަލި ޖެހުނުކަން އެނގުނު ނަމަވެސް، އެކަން ސިއްރު ކުރުމަކީ އެ ބަލީގެ ނުރައްކާ ބޮޑުވެގެން ދާނެ ކަމެކެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިރުޝާދުތައް ވަނީ ދީފައެވެ.