ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ޔެލޯ އެލާޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ މެންދަމު 02:15 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް އާންމުކޮށް ވައި ޖެހޭނީ 20 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ގަނޑުތައް އިތުރަށް ގަދަވާނެ ކަަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިރޭ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންމެ އުތުރު އަތޮޅުތަކަށް ހުޅަގާއި ހުޅގުއުތުރުން ގަޑިއަކު 8 މޭލާ 18 މޭލު ދެމެދުގެބާރުމިނުގައި އަދި އެހެން އެހެންހިސާބުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތުތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.