ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުން އޮތީ އިބޫގެ އޮފީހުގައެވެ.

އިބޫގެ ކެމްޕެއިން އޮފީހުގައި ދެ ބޭފުޅުން ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ސަރީރު ކުރެއްވި ޓްވީޓެއްގައި ވަނީ އިބޫ އަށް ހޫނު މަރުހަބާއެއް ވިދާޅުވެ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގެންފަ އެވެ.

ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

އިބޫ މީގެ ކުރިން ވެސް ވަނީ ސަރުކާރާއި، ބައެއް ވުޒާރާތަކުގެ ވެރިންނާއި ބައްދަލު ކުރައްވާފައެވެ. ނަމަވެސް އެބައްދަލުވުންތަކުގެ ތަފްސީލެއް މީގެ ކުރިން ވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ފޮރިން ސެކްރެޓަރީ އަކީ ފޮރިން މިނިސްޓަރަށް ފަހު ސަރުކާރުގެ ހާރިޖީ ކަންތައްތަކާއި ބެހޭ އެންމެ އިސް މަގާމު ފުރުއްވާ ބޭފުޅާ އެވެ.

ސަރީރު ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރާއްޖެ އިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.