މާލޭ ހުޅަނދު ދެކުނު ފަރާތުގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އިންޑަސްޓަރިއަލް ވިލެޖާއި ގުޅިފައިވާ އިއްޒުއްދީން މަގުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅުނު ހިސާބުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް މަގު ފުޅާކޮށް، ތާރުއެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް އެއްކޮށް ނިމި، އަންނަ މަހު އެމަގު އާއްމުކޮށް ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖާއި ގުޅިފައިވާ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅިފައިވާ އިއްޒުއްދީން މަގު ތަރައްޤީ ކުރުމުގެ މަސައްކަތް މީގެ ދުވަސްތަކެއް ކުރިން ފަށާފައިވާއިރު، އެ މަގުގައި ތާރު އަޅަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އިންޑަސްޓްރިއަލް ވިލެޖުން އެމް.ޕީ.އެލް ސަރަހައްދަށް ދާން އޮންނަ ކަނެކްޓިވިޓީ ރޯޑްގެ ގޮތުގައި ބޭނުންކުރާ، އިއްޒުއްދީން މަގުގައި އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން އަމީނީ މަގާ ހަމައަށް ތާރު އަޅައިގެން ތަރައްޤީ ކުރާއިރު، އެ މަގުގެ އަމީނީ މަގުން ފެށިގެން އެމް.ޕީ.އެލްއާ ހަމައަށް ޕާކް ނުކުރެވޭ މަގަކަށް ބަދަލުކޮށް، ދެކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޒުއްދީން މަގަކީ ޕާކް ނުކުރެވޭ މަގަކަށް ހެދުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްކަށް ޕާކް ކުރުމުގައި ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެކި ތަންތަނުގައި ޕާކިން ސިސްޓަމްތަކެއް ހަރުކޮށް އިތުރު ގޮތްތަކެއް ފަހިކޮށްދިނުމަށް ފަހުގައި ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުގައި އެމް.ޕީ.އެލް އިން ވެސް 18 ބުރީގެ ޕާކިންގ ބިލްޑިންގ އެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބިލްޑިންގ ގައި އެއްފަހަރާ 300 ލޮރީ/ޕިކަޕް، 200 ކާރު އަދި 500 ސައިކަލް ޕާކް ކުރެވޭނެއެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީ ކުރަމުންދާ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ލޮޖިސްޓިކް ވެއަރ ހައުސްތައް އިމާރާތްކޮށް ބެލެހެއްޓުމުގެ މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި ހަވާލުކޮށްފައިވާއިރު، އިންޑަސްޓްރިއަލް ވިލެޖްގެ މަގުތައް ރަނގަޅު ފެންވަރެއްގައި ތާރު އަޅައިގެން ތަރައްޤީކޮށްފައިވާއިރު، ކަނޑު ތޮށި ލައި، އެ ސަރަހައްދާ ގުޅިފައިވާ ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އަޅައި، ފެނާއި ނަރުދަމާ ޤާއިމުރުމުގެ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު