ޝަރުޢީ ދާއިރާގެ އިދާރީ ހުރިހާ ކަމެއްގެ އެންމެ އިސްވެރިޔާ ކަމަށްވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ (ޑީޖޭއޭ) ގެ މަގާމުގައި ހުންނެވި ހަސަން ސައީދު ހައްޔަރު ކުރިތާ އަށް މަސް ފަހުން އެމަގާމަށް މީހަކު ހޯދަން ސުޕްރީމް ކޯޓުން އިއުލާން ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ފުލުހުން ހިންގި ތަޙްޤީޤަށް އޭރު ޑީޖޭއޭގެ މަގާމުގައި ހުރި ހަސަން ސައީދު ހައްޔަރުކުރުމަށް ފަހު އޭނާ ވަޒީފާ އިން ވަކިކުރީ މިދިޔަ ޖުލައި މަހު އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ ޑީޖޭއޭގެ މަގާމު އަދާކުރާ މީހެއްގެ މުސާރަ އަކީ 30000 ރުފިޔާ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި 15000 ރުފިޔާ އަދި ފޯން އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ އެމަގާމު އަދާކުރާ މީހަކަށް ލިބޭނެ ކަމަށެވެ.

މި މަޤާމުގެ މުއްދަތަކީ މީލާދީ 5 އަހަރެވެ. ނަމަވެސް މި މަޤާމަށް އައްޔަން ކުރެވޭ ފަރާތަކީ ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރެވިދާނެ ފަރާތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، އެ މީހެއްގެ މަޤާމުގެ މުއްދަތު 5 އަހަރުން 5 އަހަރަށް އިތުރު ކުރެވިދާނެ ކަމަށް އިއުލާނުގައި ވެއެވެ.

ޑީޖޭއޭގެ މަގާމަށް މީހަކު އައްޔަން ކުރާނީ އިންޓަވިއު ކުރުމަށް ފަހު އެވެ. އެއިންޓަވިއުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން މަސައްކަތާ ގުޅޭ ދާއިރާއަކުން މަޤާމުގެ އެންމެ ދަށްވެގެން ފުރަތަމަ ޑީގްރީ ޙާޞިލްކޮށްފައިވުމާއި، ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ޖަމާޢަތެއްގައި ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ދާއިރާތަކުގައި އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށް، ނަތީޖާ ޙާޞިލްކޮށްދީފައިވުމާއި، ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ލީޑަރޝިޕް ދައްކާފައިވާ މީހެއްކަމުގައިވުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތައް އެނގޭ މީހެއްތޯ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ލަފާދިނުމުގެ ޤާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައި ވޭތޯ ބެލުމާއި ދިވެހިބަހުގެ އިތުރުން ޢަރަބިބަސް އަދި އިނގިރޭސިބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވޭތޯ ބެލުން ވެސް ހިމެނެއެވެ.

ޑީޖޭއޭގެ މަގާމަށް ކުރިމަތިލާން ޖެހެނީ މިމަހުގެ 14 ވަނަ ދުވަހުގެ 14:30 ގެ ކުރިންނެވެ.