އެކެއް ފެބުރުވަރީގެ ސްޕްރީމް ކޯޓު އަމުރާ ގުޅިގެން ދިވެހި ފުލުހުން ހިންގި ތަހްޤީގަށް ފޯނު ނުދިން މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ޢަބްދުލް ޤައްޔޫމްގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން މިއަދު ހައިކޯޓުގައި ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.

މިއަދު ހެނދުނު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް މަޢޫމޫން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް ހައިކޯޓުގެ ބެންޗުން ފުރުޞަތު އެރުވުމުން، ވަކީލް އިބްރާހީމް ޝަމީލް ވިދާޅުވީ، މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ކުރިމިނަލް ކޯޓުން އަދިވެސް ދޫކޮށްފައި ނުވާކަމަށެވެ. އަދި އެ ރިޕޯޓަކީ އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށް ވަރަށް މުހިންމު ރިޕޯޓެއް ކަމަށާއި ރިޕޯޓް ލިބުމުން އާ ނުކުތާތަކެއް ހުށަހަޅަން ފުރުސަތު ދެއްވުމަށް ޝަމީލް ހައިކޯޓުގައި އެދިވަޑައިގަތެވެ.

މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ލިބިފައި ނުވާކަމަށް މަޢުމޫންގެ ވަކީލުން ވިދާޅުވުމުން ހައިކޯޓުގެ މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ރިޕޯޓް ހުށަހަޅަން ފުރުޞަތު ދެވިފައިވާ ކަމަށާއި، ނަމަވެސް އެ ފުރުޞަތުގައިވެސް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަން ހިނގާފައިވާ ގޮތް ހައިކޯޓުންވެސް ބަލާފައިވާ ކަމަށެވެ. އެގޮތުން ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފައި ނުވަނީ މައްސަލައިގައި ހިމެނޭ އެއް ބޭފުޅެއްގެ ވަކީލް ބަޔާންތަކުގެ ސޮއި ނުކުރައްވާތީ ކަމަށް ވިދާޅުވިއެވެ.

ކަން އެގޮތަށް ހިނގާފައި ވީ ނަމަވެސް، ހައިކޯޓުގެ ޝަރީއަތް ހިންގަން އެ ރިޕޯޓް މުހިންމުވާތީ އެ ރިޕޯޓް މިހާރު ހައި ކޯޓުން ހޯދާފައިވާ ކަމަށާއި، ކުރިމިނަލް ކޯޓުގައި އެދުމުން މިހާރު ރިޕޯޓް ލިބޭނެ ކަމަށެވެ. އަދި ދެން ކްރިމިނަލް ކޯޓުގައި ރިޕޯޓް ހޯދަން އެދުމުންވެސް ނުލިބިއްޖެނަމަ އެކަން ހައިކޯޓަށް އެންގުމުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މި ރިޕޯޓް ކްރިމިނަލް ކޯޓުން މީގެ ކުރިން ދޫކޮށްފައިނުވަނީ މައްސަލައިގައި ހިމެނޭ އެއް ފަރާތުގެ ވަކީލުން ބަޔާންތަކުގައި ސޮއި ނުކުރާތީކަމަށް ވިދާޅުވުމުން މަޢޫމޫންގެ ވަކީލު މަޢުމޫން ހަމީދު ވިދާޅުވީ، މިހާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނު އޮތްގޮތުން ބަޔާންތަކުގައި ވަކީލުން ކޮންމެހެން ސޮއި ކުރުން ލާޒިމް ނޫން ކަމަށާއި، ސޮއި ކުރަންޖެހެނީ އެ ބަޔާންތައް ޓައިޕްކުރާ ކޯޓުގެ މުވައްޒަފު ކަމަށެވެ. އަދި މަޢުމޫންގެ ވަކީލުން ބަޔާންތަކުގައި ސޮއި ކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި، ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު ހެމެނިވަޑައިގަންނަވާ ބެންޗުން މިއަދުގެ އަޑުއެހުން މެދުކަނޑާލެއްވީ މައްސަލައިގެ ތަފްސީލު ރިޕޯޓް ލިބުމުން ދިރާސާ ކުރެއްވުމަށް ވަގުތު ދެއްވުމުގެ ގޮތުން އަންނަ ހަފްތާގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރެއްވުމަށް ފަހުގައެވެ.

މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު މަޢުމޫންގެ މައްޗަށް އިއްވި ހުކުމާއެކު ޖަލުގައި ދުވަސްތަކެއް ވޭތުކުރެއްވުމަށްފަހު މަޢުމޫން ޖަލުން މިނިވަން ކޮށްފައިވަނީ ކަފާލާތުގެ ދަށުން ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވަނީ މި މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުން ގޮތެއް ކަނޑައެޅެންދެނެވެ.