އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމަށް ހެންވޭރު ރައްޔިތުން އިސްނަގައިގެން މިރޭ ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

އިބޫއަށާއި ފައިސަލަށް މަރުހަބާ ދެންނެވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެންނެވެ. މި ހަރަކާތްތައް ބާއްވަނީ ދަރުބާރުގޭގައެވެ. ލައިވް މިއުޒިކާއި ބޮޑުބެރާއި އެކު އޮންނަ މި އިވެންޓުގައި އިބޫ އަދި ފައިސަލް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތު އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާއިރު އިބޫ ހުވާކުރައްވާނީ އަދި ކޮން ދުވަހަކު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އިބޫ އަށް މަރުހަބާ ދަންނަވަމުންނެވެ.

އެގޮތުން ޗައިނާ އާއި އެމެރިކާ , ޕާކިސްތާނު އަދި ސައުދީ އަރަބިއްޔާ އިން ވެސް އިބޫ އަށް ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް އިބޫ އަށް މަރުހަބާ ދަންނަވާފައިވާއިރު އިބޫގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ވަނީ ދައުވަތު އަރުވާފައެވެ.

އިލެކްޝަން ކޮމިޝަނުން އިއުލާންކުރި ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބުނާގޮތުން، އިދިކޮޅު ކޯލިޝަންގެ ފަރާތުން އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ ވާދަކުރެއްވި އިބްރާހީން މުޙައްމަދު ޞާލިޙަށް 134،705 ރައްޔިތުން ވޯޓު ދެއްވިއެވެ. އެއީ ވޯޓު ދިން ރައްޔިތުންގެ 58.40 އިންސައްތަ ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. ރާއްޖެ

  ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް
  ރައްޔިތުން އިންތިޚާބުކުރި އިބޫ އަކީ ބަސްނުވިކޭ
  އޮޑިއެއްގެ ދިރުބާ ކޮޅަށް އެރިފައިހުރި މީހެކެވެ
  އޭނާއަށް ދިވެހިރާއްޖޭގެ ވެރިކަން ހަރުދަނާ ގޮތެއްގައި ނުހިނގޭނެކަން ކަށަވަރެވެ 5
  ރައީސަކާއި ނައިބު ރައީސެއް ކޮމާނޑްގައި
  ތިބިއިރު ކޮންމެމީހަކީވެސް އަމިއްލަ މަސްލހަތެއް ދިފާއުކުރުމަށް ކަމަރުބަނދެގެން
  ހުރީހެކެވެ
  އަތްމަތި ތަނަވަސް ސޭޓަކު ރާއްޖެއައުމުން
  އޭނައަށް މަރުހަބާކިޔަން ރައީސަކު ގޮސް
  ހުރުމަކީ ރައީސްކަމުގެ މަގާއި އެކަށީގެންވާ
  ކަމަކަށްނުވާއިރު އެއީ ރައްޔިތުންނަށް ރައްދުވާ
  މަލާމާތެއްވެސްމެއެވެ