ލ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ އިއްޔެ ލ. ގަން ޕޮލިސް ސްޓޭޝަން ގޯތިތެރޭގައެވެ.

އިއްޔެ ނައްތާލާފައިވަނީ، 77 އިންސިޑެންޓެއްގައި ހިމެނޭ އެކި ބްރޭންޑް ތަކުގެ 123 ފުޅި ބަނގުރަލާއި 6 ބިޔަރު ދަޅާއި ބަނގުރާހުރި ޕެޓްފުޅިއަކާއި ބިޔަރު ފުޅިއެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިތަކެެއްޗަކީ 2016 ވަނަ އަހަރުން ފެށިގެން އެކިދުވަސް މަތިން، ލ. ކައްދޫ އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަނގުރާ ނައްތާލުން ލ. ގަމުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.