އަހަރަކަށްވުރެ ގިނަ ދުވަހު ޖަރުމަނުވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ޤައުމުގައި އުޅުއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންނެވި، ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް އެ ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ހިންގުމާ ޤާސިމް އިބްރާހީމް ހަވާލުވެވަޑައިގެންފައިވަނީ ކުށެއްގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެއްވެސް ބޭފުޅަކަށް ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުމާ ހަވާލުވެވަޑައިގެން ނުހުންނެވޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެން ވަގުތީގޮތުން ޖުމްހޫރީ ޕާޓީގެ ހިންގުން އެހެން ބޭފުޅަކާ ހަވާލުކުރެއްވުމަށްފަހުއެވެ. އެގޮތުން ވޭތުވެދިޔަ މުއްދަތުގައި ޖުމްހޫރީ ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވީ އެކްޓިންގ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ޤާސިމް އިބްރާހީމް ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންނެވީ، އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ 3 އަހަރާއި 4 މަހާއި 12 ދުވަހުގެ ޖަލު ހުކުމަށްފަހު ބޭސްފަރުވާއަށެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އެ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު އެމަނިކުފާނުވަނީ ވަނީ ޖަރުމަނުވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ޤައުމަށް ވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީގެ ހިންގުމުގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް ރަސްމީގޮތުން ޤާސިމް އިބްރާހީމް އާ ހަވާލުކުރުމުގެ ޖުމްހޫރީ ޕާޓީގެ ރަމްޒީ ތަޅުދަނޑި އެމަނިކުފާނާ ހަވާލުކޮށްދެއްވާފައިވަނީ އެމަނިކުފާނަށް މަރުޚަބާ ދެންނެވުމަށް އެ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ.ކުނޫޒުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި އެ ޕާޓީގެ އެކްޓިންގ ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަންއެވެ.

ރާއްޖެ ވަޑައި ނުގެން ޖަރުމަނުވިލާތުގައި ހުންނެވުމަށްފަހު ގާސިމް މިއަދު ރާއްޖެ ވަޑައިގެންފައިމިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލާފައިވަނިކޮށެވެ. އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޤާނޫނު

    ޤާނޫނާ ޚިލާފު ޢަމަލެއް. އީ.ސީ އިން ކިހިނެއް ހަދާނެބާ މިފަހަރު؟

  2. ޢަފްލާ

    ބުރުމާ ސުރުވާ އައިސްގެން ކައްކަންފެށީ ދިރުނބާ މަތިން ކަށިގަނޑު ތޮރުފަން ފެށީ

  3. ޯ ޕިސްޕިސް

    ރާއްޖެއިންބޭރަށްގެންދިޔައިރު ފަސްތަނުންބަނދެފައޮތް

    ގަބުރެއްހެން އޮތް ގާސިމް ބޭރަށްގެންދާއިރަށް ގަދަވެއްޖެ

    މިހާރު އަދިއެއަށްވުރެއްވެސް. ރަނގަޅު .މޮޔަގާސިމް

  4. ދަވޭ

    އާ މަޝްރޫއުތަކަށް ހުޅުވާ ލުން މަޑުޖައްސާލަން އެދިއްޖެ ނަމަވެސް އެކަން ކުރަން ނުޖެހޭނެއެވެ. ސަބަބަކީ ރައްޔިތުން ރައީސް ޔާމީން އަށް ވޯޓް ދިނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. 5 އަހަރު ދުވަހުގެ މުއްދަތު ހަމަވަން ދެން މަޝްރޫއު ތަކުގެ މަސައްކަތް ކުރިއަށް ދާނެ އަދި އާ މަޝްރޫއު ތައް ވެސް އިއުލާން ކުރާނެ ތަމެން އެކަން ހުއްޓުވަން ބޭނުން ނަމަ ގެންނަގަ ސްޕްރީމް ކޯޓުގެ ހުކުމެއް އެނޫން ހުރިހާ ހާލަތެއް ގައި އެކަން ނުހުއްޓުވޭނެއެވެ. ދިސް އިޒް އިޓް..