ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ފަނަރަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދުތަކަށް މިއަދު ހަވީރު 16:30 އިން މިރޭ 20:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މެޓުން ވިދާޅުވީ، މި ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި މި ސަރަޙައްދުތަކަށް ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން މިއަދު ވިދާޅުވީ، އުތުރާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށާއި، އަދި ދެކުނުގެ އެކި ހިސާބުތަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާއިރު، ހުރިހާ ފަރާތުތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަކުރަމުން ދާއިރު، މިއަދާއި އިއްޔެވެސް ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާޓް ވަނީ ނެރެފައެވެ. މީގެ އިތުރުން ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި އުދަ އެރުމުގެ ހާދިސާތައްވެސް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ.


މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.