ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ބޮޑީގާޑް، ނިޒާމްގެ ފޯނު ފުލުހުން އަތުލައިފިއެވެ.

މިމަހުގެ ދެ ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ބޭއްވި އެއްވުމުގެ ތެރެއިން ސޯސަންމަގު ސަރަހައްދުގައި ހުންނަވަނިކޮށް ހައްޔަރުކޮށްފައިވާ ކިނބިދޫ ދާއިރާގެ މެމްބަރުކަމާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމުގައި ހުންނެވި ރިޔާޒުގެ ބޮޑީގާޑްގެ ފޯނު ފުލުހުން އަތުލާފައިވާކަމަށް ޖުމްހޫރީ ޕާޓީން ދަނީ ބުނަމުންނެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމުގައި ފުލުހުން ވިދާޅުވެފައިވާއިރު ރިޔާޒުއާއެކު މަޖިލީހުގެ އިތުރު މެމްބަރުންނާއި ބައެއް އާއްމު ރައްޔިތުންވެސް ވަނީ އެދުވަހު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ރިޔާޒު ފިޔަވާ އެހެން ފަރާތްތައް މިހާރު ވަނީ ދޫކޮށްލާފައެވެ.