އިލެކްޝަން ކޮމިޝަންގެ އިސް ބޭފުޅުން އިންތިހާބުގައި ހިންގާފައިވާ ކަންތައްތައް ފޮރުމަށް އިލެކްޝަން ކޮމިޝަނުން އުފައްދާފައިވާ ގައުމީ ކޮމްޕްލެއިންސް ބިއުރޯ އުވާލުމަކުން ކަންތައްތަކަށް ފަސްއަޅާފައި ފޮރުވޭނެކަމަކަށް ހީފުޅު ނުކުރެއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވާ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ، އިންތިޚާބަށް ހާއްސަކޮށް އުފެއްދެވި ކޮމްޕްލެއިންސް ބިއުރޯ އުވާލުމާއި، ދިމާލަށްދާ ކަމަށެވެ. އެތަނުގެ މުވައްޒަފުންތައް ވަކި ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ހަލީލް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރައްވަނީ، އެބޭފުޅުން ކޮށްފައިވާ ކަންކަމުން ރެކުމުގެ ބޭނުމުގައި ކުރަމުން އަންނަ ކަމެއް ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

"މިކަންކަމުން ރެކުމުގެ ބޭނުމުގައި އިލެކްޝަން ކޮމިޝަނުން އުފައްދާފައިވާ ގައުމީ ކޮމްޕްލެއިންސް ބިއުރޯ އުވާލުމަކުން މިކަންތައްތަކަށް ފަސްއަޅާފައި ފޮރުވޭނެކަމަކަށް ހީފުޅުނުރުއްވާތި އެއްގޮތަކަށްވެސް" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، އެކަންކަމުގެ ހަގީގަތް ހޯދުމަށް ރައްޔިތުން ނުކުންނާނެ ކަމަށެވެ. އަދި އިންތިހާބު އޮޅުވާލުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ނުފޫޒުވެސް ވާ ކަމަށާއި، އެކަންކަން ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުން އެއްވެސް ވަރަކަށް ސަލަމާތްވާނެ ކަމަށް އުއްމީދު ނުކުރެއްވުމަށްވެސް ހަލީލް ވިދާޅުވިއެވެ.

ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް އިލެކްޝަންސް ކޮމިޝަނުން ނުފޯޒު ފޯރުވުމަށްކޮށްފައިވާ މަސައްކަތްތަކަށް އަލި އަޅުވާލާ ވާހަކަދައްވަމުން ހަލީލް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ނަތީއްޖާ އިއުލާނު ކުރުމުގެ ކުރިއަށް މައުލޫމާތު ލިބުނުގޮތުގައި، ކޮމްޕްލެއިންސް ބިއުރޯގައި، އިލެކްޝަންސްއާ ގުޅޭ އެއްވެސް މައްސަލައެއް ހުށަހެޅިގައި ނެތް ކަމަށް ލިއުމެއް ދެއްވުމަށް އިލެކްޝަންސް އިން އެދިވަޑައިގަތް ކަމަށެވެ.

އެހެން ނަމަވެސް، ކޮމްޕްލެއިންސް ބިއުރޯއިން ވަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސްއަށް، އެގޮތަށް މައުލޫމާތުދެވެން ނެތް ކަމާއި، ވަރަށް ގިނަ މައްސަލަތައް ކޮމްޕްލެއިންސް ބިއުރޯއަށް ފާހަގަކުރެވިފައިވާކަމަށް އިލެކްޝަން ކޮމިޝަންނަށް އެ ބޭފުޅުން ފޮނުވި ސިޓީގައި ބުނެފައިވާކަމަށް ހަލީލް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ ހަގީގަތުގައި ކޮމްޕްލެއިންސް ބިއުރޯ އާއި އެތަނުގެ މުވައްޒަފުންނާއި ދޭތެރޭ މިކަންތައް ކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރުގައި ވަރަށް ޚައްސާސީ މައްސަލަތަކެއް އިލެކްޝަންސްގައި އުޅޭކަން. އަދި ވޯޓު އޮޅުވާލުމުގެ ވަރަށް ގިނަ ކަންތައްތަކެއްކޮށްފައި ވާކަން ސާބިތުވާ ހިސާބަށް އެކަންތައްތައް މި ދަނީ". ހަލީލް ވިދާޅުވިއެވެ.

ކޮމްޕްލެއިންސް ބިއުރޯއާ ގުޅޭގޮތުން، އެންމެ ފަހުން ލިބުނު މައުލޫމާތުތައް ހިއްސާކުރަމުން ހަލީލް ވިދާޅުވީީ، ކޮމްޕްލެއިންސް ބިއުރޯގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން އެއް މެންބަރަކު ވަކި ކުރި ހަބަރު އަޑުއިވެގެން ގޮސްފައިވާކަމަށެވެ. އަދި މިއިން ކޮންމެ ކަމަކުންވެސް ފާހަގަވެގެން ދަނީ ވަކި ކަންތައްތަކެއް ފޮރުވުމުގެ ބޭނުމުގައި އިލެކްޝަންސް އިން މަސައްކަތްތަކެއް ކުރަމުންދާކަން ކަމަށް ހަލީލް ވިދާޅުވިއެވެ.

މިކަމުން ފާހަގަވެގެން ދަނީ "އިލެކްޝަން ފްރީ އެންޑް ފެއާ" ނޫންކަން ކަމަށްވެސް ހަލީލް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ "ފްރީ އެންޑް ފެއާ" އިލެކްޝަންއެއްކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްވަމުން ހަލީލް ވިދާޅުވީ، ކޮމްޕެއިންސް ބިއުރޯއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިހާބާއި ދިމާކޮށް ހުށަހަޅަން ބޭނުންވާ ޝަކުރާވަތައް ހާއްސަ ތަނެއް ކަމަށްވާއިރު، އެތަން އުފެއްދިއިރުން ފެށިގެންވެސް އެންމެ ރަނގަޅަށް ވަސީލަތް ފޯރުކޮށްނުދޭކަމަށް ވާހަކަތައްވެސް އަޑުއިވިގެންދާކަމަށް ހަލީލް ފާހަގަކުރެއްވިއެވެ.

"22 ވަނަ ދުވަހުގެ ރޭގެ ކުއްލިގޮތަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން ވަރަށް ކުއްލިގޮތަކަށް ދަރުބާރުގެއަށް ބަދަލުކުރެވިގެން ދިޔައީ. ދަރުބާރުގެއަށް ބަދަލު ކުރުމަށް ފަހުގައި ފޯނުގެ ވަސީލަތެއް އެބޭފުޅުންނަކަށް ލިބިވަޑައިނުގަންނަވާ. އޭގެ އިތުރުން އިންޓަނޭޓްގެ އެއްވެސް ވަސީލަަތެއް ލިބިވަޑައިނުގަންނަވާ". ހަލީލް ވިދާޅުވިއެވެ.

ހަލީލް ފާހަގަކުރެއްވިގޮތުގައި، މީގެ ކުރިން ކޮމްޕްލެއިންސް ބިއުރޯތައް ވެގެން ގޮސްފައި ވަނީ، ޝަކުވާތައް ހުށަހެޅުމުގައި ވަރަށް ފަސޭހަތަނެއްގެ ގޮތުގައި ކަމަށެވެ. އެހެންވީމަ ވަކި ފަރާތަކަށް ޖެހިފައި ނުވާ ސާފް ސައްހަ އިންތިހާބެއްކަން ކަށަވަރު ކުރެވޭނެ އެންމެ މުހިންމު އެއް ދައުރެއް އަދާކުރާނެ އެއްތަނަކީވެސް އެތަން ކަމަށް ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ، މިފަހަރު ފާހަގަކުރެވިގެން ގޮސްފައި މި ވަނީ ކޮމްޕްލެއިންސް ބިއުރޯގެ ދައުރު ވަރަށް ބޮޑަށް ހަނިކޮށްފައިވާ މަންޒަރު ކަމަށެވެ.

"އެހެންވީމަ މިކަހަލަ އެތައް ޝަކުވާއެއް ކޮމްޕްލެއިންސް ބިއުރޯގައި ހުރުމާއި، އައިސްފައި ހުރި ޝަކުވާތައް ފޮރުވުމަށްއިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރުމާއި، މިކަހަލަ އެތައް ކަންތައްތަކެއް މީޑިއާއާއި އާއްމުންނަށް ފާޅުވަމުންދަތީއާ އެއްކޮށް، އެކަންކަން ފޮރުވުމުގެ ބޭނުމުގައި މިހާރު ކޮމްޕްލެއިންސް ބިއުރޯގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުރަމުން އެ ގެންދަނީ". ހަލީލް ވިދާޅުވިއެެވެ.

ހަލީލް ވިދާޅުވީ، މިއީ ޕީޕީއެމްގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމެއް ކަމަށެވެ. އަދި މި އިލެކްޝަންއަކީ ފްރީ އެންޑް ފެއާ އިލެކްޝަންއެއް ކަމަށް އިލެކްޝަން ކޮމިޝަނުންނާއި، އިދިކޮޅު ފަރާތްތަކުން ޔަގީންކޮށްދެއްވުމަށް ހަލީލް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރިޓޯ

    ކަލޯގަޔާ ... ކަމެއްކުރެވުނުކަމައް ވާނީ ހިޔަޅުހިފިއްޖެއްޔާ.

  2. އަލްޖިބްރާ

    ރައްޔިތުންނޭ ކިޔައިގެން ތި އަގައަރުވަނީ އަދިވެސް ކަލޭމެން ތިކުރާ މުޒާހަރާއަށް ހަމަ ޖަމާވާ މީހުން ގިނަކަމުންތަ ؟ ކަލޭގެ ލަދު ކޮބާ ؟

  3. އަބްދު

    އަދިވެސް އެހެދި މަކަތަކީ ކޮބާ ކަމެއް ނުބުނެވޭ!.
    ކޮމްޕްލެއިންސް ބިއުރޯގެ ދައުރު ނިމިއްޖެ ދެން އޮތީ ކޯޓު..

  4. ޢަފްލާ

    ރިންގު ޝަރީފް މިފަހަރު ޖެހޭނެ ހޭއަރުވާލަން

  5. ކެރޭ އަބްދުﷲ

    ވަގު ވޯޓް ސަރީފް މިފަހަރު ޖެހޭނެ ހޭއަރުވާލަން. ވަގު ވޯޓް ސަރީފް އިސްތިއުފާ.