ނިމިދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ތަހްޤީގު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް އިލެކްޝަންސް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައި ހުއްޓާ، އިންތިޚާބާ ގުޅޭ އެއްވެސް މައްސަލައެއް ނެތްކަމުގެ ލިޔުމެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން ކޮމްޕްލެއިންޓްސް ބިއުރޯގައި އެދުމަކީ ބޮޑު ގޯހެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރުމުގެ ކުރިއަށް މައްސަލައެއް ނެތްކަމުގެ ކިޔުމެއް ހޯދަން އީސީން މަސައްކަތް ކުރެއްވި ކަމަށާއި، ނަމަވެސް އެފަދަ ލިޔުމެއް ދިނުމަށް ކޮމްޕްލެއިންޓްސް ބިއުރޯއިން އިންކާރު ކޮށްފައިވާކަމަށެވެ.

"ނަތީޖާ އިއުލާނު ކުރުމުގެ ކުރިއަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނު ކޮމްޕްލެއިންޓްސް ބިއުރޯއަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެދިވަޑައިގަންނެވިކަމަށް އެއްވެސް މައްސަލައެއް އިލެކްޝަނާ ގުޅޭގޮތުން ހުށަހެޅިފައި ނެތްކަމަށް ލިޔުމެއް ދެއްވުމަށް. އެހެންނަމަވެސް ކޮމްޕެއިންޓްސް ބިއުރޯގެ ފަރާތުން އެބޭފުޅުންނަށް ލިޔުމުން މަޢުލޫމާތު ދެއްވާފައިވާކަމަށް މަޢުލޫމާތު އެބަލިބޭ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެގޮތަށް ލިޔުމެއް ދެވެން ނެތްކަމަށާއި، ވަރަށް ގިނަ މައްސަލަތައް ކޮމްޕެއިންޓްސް ބިއުރޯއަށް ފާޙަގަކުރެވިފައިވާކަމަށް. އެބޭފުޅުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ދަންނަވާފައިވާކަމުގެ މަޢުލޫމާތު އަޅުގަނޑުމެނަށް ލިބޭ." ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ، އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ފަސް މެންބަރުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި އެއް މެންބަރު ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމުގެ މަޢުލޫމާތު މިއަދު ލިބިފައިވާ ކަމަށާއި، އެއީ އެގޮތަށް ކުރެވިގެންވާނެ ކަންކަން ނޫން ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިގެންދިޔައީ ކޮމްޕްލެއިންޓްސް ބިއުރޯގެ ފަސް މެންބަރުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކު އަޅުގަނޑު ހަނދާންވަނީ ނަޒްމާއޭ، މަޤާމުން ވަކި ކުރެވިގެންދިޔަ ކަމުގެ މައުލޫމާތު. އެހެންވީމަ މީ އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ އެތަނުގައި ހުރި މައްސަލަތައް ހައްލު ނުކޮށް ކޮށްގެން ވާނެ ކަމެއް ކަމަކަށް." ޚަލީލް ވިދާޅުވިއެވެ.

އިތުރަށް ޚަލީލް ވިދާޅުވީ، އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަދި އެ ބިއުރޯގެ މުވައްޒަފުންނާއި، މެންބަރުންނާ މެދުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަލާއިރު، އެ ކޮމިޝަނުގެ ތެރޭގައި ވަރަށް ހައްސާސީ މައްސަލަތަކެއް އުޅޭކަމަށާއި، ވޯޓު އޮޅުވާލުމުގެ ގިނަ ކަންތައްތަކެއް ކުރައްވާފައިވާކަން ސާބިތުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް މި ފާޙަގަކުރެވިގެންދަނީ ވަކި ކަންތައްތަކެއް ފޮރުވުމުގެ ބޭނުމުގައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތަތަކެއް ކުރަމުން ގެންދާ މަންޒަރު މީން ކޮންމެ ކަމަކުންވެސް ސިފަވެގެންދަނީ. އިލެކްޝަންސް ކޮމިޝަނުގެ މި އަމަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ފާޙަގަކުރެވިގެން އެބަދޭ ހަޤީގަތުގައި އިލެކްޝަން ފްރީ އެންޑް ފެއަރ ނޫންކަން." ޚަލީލް ވިދާޅުވިއެވެ.

ޕީޕީއެމް އިން މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު ނަޒުމާ އަދި އިތުރު ދެ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި މައްސަލަވެސް ފެންމަތިވެފައި ވަނިކޮށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި، އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާނެފަދަ އެއްވެސް ޝަކުވާއެއްވެސް އިލެކްޝަނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ސަރުކާރާ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރައްވާފައިވަނީ 58.4 އިންސައްތަ ވޯޓާއެކުގައެވެ. މި އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިޙް 134705 ވޯޓް ހޯއްދަވާފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96052 ވޯޓެވެ. މި އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި އިންތިޚާބުގެ ނަތީޖާ ބާތިލު ކުރަންޖެހޭ ކަމަށް އަދި އީސީގެ މެންބަރުން މަޤާމުން ދުރުކުރަންޖެހޭކަމަށްވެސް ޕީޕީއެމް އިން ގޮވާލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކެޜޭ އަބްދުﷲ

    އިލެކްޝަަންސް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް މިހާރު އިލެކްޝަންސް އިން ބިރުދައްކަނީ ހުރިހާ ކަމެއް ފަޅާއަރަމުން ދާތި. އެތަނުގެ މުވަޒިފުން ވަކިކުރަމުން ދަނީ މިސަބަބާ ހެދި. އިލެކްޝަންސް ކޮމިސަން މިހާރުން މިހާރައް އިސް ތިއުފާ.

  2. އަބޫއިޒްކާން

    ޢެމްޑީޕީ އިން މިފަހަރު ކުޅުނީ ވަރަށް ވެސް ސަޅި ގޭމް އެއް. ފުރަތަމަ އީސީ ޝަރީފްއޭ ކިޔައިގެން ތުހުމަތު ތަކެއް ކޮށްފަ އަޑުއެރުވީ. ދެން ވޯޓް ފޮށިތަށް ކައިރީ ހުސް ޕީޕީއެމް މީހުން ބޭތިއްބީ. ށައްކެއް ކުރަން ފުރުސަތެއް ވެސް ނެތް.!!!?

  3. ަފބ

    2013!

  4. މަހަށްދޭބަލަ

    ތިޔާ އިންތިޚާބަކީ އޮޅުވާލުމާއި މަަކަރާއި ހީލަތް ހަދާފައިވާ އިންތިޚާބެއް ކަން މިހާރު ވަރަށް ރަނގަޅަށް އެނގިސާފުވެގެންދޭ ނޫންތޭ ދެން ތަމެން ކޯއްޗެކޭ ކިޔަންތޭ އިލެކްޝަންސް ކަމިޝަން އިން އިލެކްޝަންސް ކަމިޝަން އިން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

  5. ބަޚުލޫލު

    ހަމަ އަގަށް އެރީމާ ނުކުރާނެ އެއް ކަމެއްވެސް ނެތީތާ. އެކި މީހުންގެ އަގު އެކިވަރުގަ އުޅޭނީ.

  6. ޢަހްމަދު

    ސުޕްރީމް ކޯޓު އަމުރު ކަޑަވީމަ ފަޑިޔާރު ޖަލަށް ލާން ... އޯކޭ
    ބިއުރޯ މަންޖެ ވަޒީފާއިން ކެޑީމަ .. ނޮޓް އޯކޭ؟