ރާއްޖޭގެ އުތުރަށް މިހާރު ވިއްސާރަ ކުރަމުން ގެންދަނީ އަރަބި ކަނޑުގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑަކާއި ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެއް ސަބަބުން ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވިދާޅުވީ އަރަބި ކަނޑާއި ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ އާއި ދުރަށް ހުޅަނގަށް ޖެހެމުންދާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަގުއުތުރުން، މެދުތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކުގައި ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާ 50 މޭލުގެދެމެދުގެ ބާރިމިނަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ރާއްޖޭގެ ހުރިހާހިސާބެއްގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެއެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވެއެވެ.

ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

ރާއްޖެ އަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތާ މިހާރު ހަފްތާ އަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މިހާރު ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަންބޭ

    އެކަމަކު ކުރީގަ ބުނީ މޫސުމީ ވިއްސާރައޭ، އެހެން ބުނިއިރުވެސް އިގޭ މީ ވިއްސާރަ މޫސުމެއްނޫންކަންވެސް، އަހަރުމެން ކުޑައިރު މާމަ، ކާފަމެންވެސް ކިޔާދޭ ތިގޮތަށް، މޫސުމީ ކަންތަކާ ފަލަކީޢިލްމް ހަމަ އެކަނި އެނގިލައްވާ ބޭފުޅަކަށް މިގައުމުގަ ހުންނަވާނީ މައުމޫނު ޢަބްދުލް ޤައްޔޫމް، ސަރުކާރު މުއައްސަސާ ތަކުގައި ތިއްބަވާ ފޭފުޅުން ތެދު މަޢުލޫމާތު ރައްޔިތުންނަށް ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރަން، އެއީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެތިކަމަށްޓަކައި.