ޗައިނާގެ ފާރަވެރިންތަކެއް ޗިޕް ތަކެއް ބޭނުންކޮށްގެން ދުނިޔޭގެ މަޝްހޫރު ދެ ކުންފުނި ކަމުގައިވާ އެޕަލް އާއި އެމަޒޮން ހެކް ކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ދެކުންފުނިން ބުނެފިއެވެ.

މަޝްހޫރު ފޯން ކުންފުނި އެޕަލް އަދި މަޝްހޫރު އޮންލައިން މުދާ ވިއްކާ ކުންފުނި އެމެޒޮންގެ ކޮންޕިއުޓަރ ސާވަރ ހެކްކޮށްފައިވާ ކަމަށްބުނެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ މަޝްހޫރު ނޫހެއް ކަމަށްވާ ބްލޫންބާގް އިންނެވެ. ބްލޫންބާގް އިން ބުނެފައިވަނީ އެޕަލް އަދި އެމެޒޮންގެ ސާވަރތަށް ކޮންޕިއުޓަރ ޗިޕްތަކެއް މެދުވެރިކޮށްގެން ހެކްކޮށްފައިވާ ކަމުގެ ފުރިހަމަ އަދި ޔަގީން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބްލޫންބާގް ބުނެފައިވަނީ މިސަރވަރ ތައް ހެކްކޮށްފައިވަނީ މީހުންގެ މަޢުލޫމާތު ލިބިގަތުމަށް ކަމަށާއި މިގޮތަށް ކަންތައް ކޮށްފައިވަނީ ދުރާލާ ރާވައިގެން ކޮންޕިއުޓަރ މަރާމާތު ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރުމުން ކަމަށެވެ.

ނަމަވެސް އެޕަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕަލްގެ ސާވަރ ހެކް ކޮށްފައިނުވާ ކަމަށާއި އަދި ސާވައިން އާދަޔާ ޚިލާފް ކަމެއް ނުފެންނަ ކަމަށެވެ. މީގެ އިތުރުން އެޕަލްގެ ޑޭޓާ ރައްކާތެރި ކުރާ ކޮންޕިއުޓަރގައި މިފަދަ ޗިޕްއެއް ނެތް ކަމަށްވެސް އެޕަލްއިންވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބުނެފައިވަނީ އެފްބީއައި އިން ނުވަތަ އެހެންވެސް އިދާރާއަކުން މިމައްސަލަ ތަޙްޤީޤް ކުރަމުން ދާ ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށާއި އެޕަލްއިން މިފަދަ މައްސަލައެއްގައި އެއްވެސް އިދާރާއެއްގެ އެހީތެރިކަމަށް އެދިފައިނުވާނެ ކަމަށެވެ. އަދި ބްލޫންބާގްއިން މިފަދަ ދޮގު މަޢުލޫމާތު ނުފެތުރުމަށްވެސް އެޕަލްއިންވަނީ ގޮވާލާފައެވެ.

އެމަޒޮންއިންވެސް މިމައްސަލައިގައި ބުނެފައިވަނީ މިފަދަ އެއްވެސް ކަމެއް ދިމާވެފައިނުވާ ކަމަށާއި އެމީހުންގެ ސާވަރތައް ހެކްކޮށްފައިނުވާ ކަމަށެވެ. އަދި ބްލޫންބާގްގެ ރިޕޯޓްއަކީ ދޮގެއް ކަމަށާއި އެމީހުންނަށް މައުލޫމާތު ދިން ފަރާތުން ދީފައިވަނީ ދޮގު މައުލޫމާތެއް ކަމަށްވެސް އެމަޒޮންއިން ހާމަކޮށްފައިވެއެވެ.

އެޕަލް އަދި އެމަޒޮންގެ ސާވަރ ހެކް ކުރި ކަމަށްބުނެ އަޑުތައް ފެތުރުމާއިއެކު އެދެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.